ނިމިގެން ދިޔަ ހަފްތާގައި ސްކޭމުގެ މައްސަަލަތަކުގައި 496،383.50 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

މި މަހުގެ 12 އިން 18 އަށް ހިނގާފައިވާ ސްކޭމާއި ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާ އިރު، ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ސްކޭމާއި ގުޅޭ ޖުމްލަ 41 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު 496,383.50 ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން 211,684.50 ރުފިޔާ އަނބުރާ ހޯދުނު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަތައް ރިޕޯޓުކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި، އައިބޭ ފަދަ އޮންލައިން ވިޔަފާރި ކުރާ ސައިޓުތަކުގެ އިތުރުން ފޯނު ކޯލުތަކާއި ލިންކުތައް މެދުވެރިކޮށް މިފަދަ މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވެ އެވެ.

މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އޮންލައިންކޮށް ތަކެތި ގަތުމުގައި ދިމާވެފައިވާ މައްސަލަތަކެވެ. އެގޮތުން ޕޭޖުތަކުން ތަކެތި ގަތުމާ ގުޅޭ 21 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން މީހުންގެ ނަމުގައި ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 9 މައްސަލައަކާއި، ހެކް ކުރުމުގެ 8 މައްސަލައެއްގެ އިތުރުން ފައިސާގެ މުއާމަލާތްތަކާ ގުޅޭ 3 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ފިޝިން ލިންކު މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ އެއް މައްސަލަ ވެސް މި މުއްދަތުގައި ހިމެނެ އެވެ.

ފުލުހުން ވަނީ މިފަދަ މާލީ މުއާމަލާތްތައް ހިންގުމުގައި އާންމުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އޮންލައިންކޮށް ވިޔަފާރިކުރުމުގައި، އަދި ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ފިތުމުގައި ރައްކާތެރިވުމަށް ފުލުހުން ބާރުއަޅައެވެ.