އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި ތާށިވެފައި ހުރި ސްރީލަންކާގެ ހިމާޔަތް ހޯދާ މީހަކު (އެސައިލަމް ސީކަރ) 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ފޮނުވުމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމައިފިއެވެ.

ކޯޓުގައި "ކޭޕީ" ގެ ނަމުން ނަންދީފައިވާ މި މީހާއަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަނޑުމަގުން ކެނަޑާއަށް ދާން އުޅުމުގެ ތެރޭގައި ހާލުގައި ޖެހިގެން އިނގިރޭސި ކަނޑުގެ ސިފައިން ޑިއޭގޯ ގާސިއާއަށް ގެންދިޔަ މީހެކެވެ. އޭނާއާ އެކު ދިޔަ ގާތްގަނޑަކަށް 60 އެއްހާ މީހުން އެހެން ގައުމުތަކަށް ފޮނުވާލާފައިވީ ނަމަވެސް، ޖިންސީ ގޯނާކުރުމާއި ހުޅުޖެހުމުގެ ކުށުގެ ރެކޯޑުތަކެއް އޮތުމުން އޭނާ އެތަނުގައި މަޑުކުރަން ޖެހުނީއެވެ.

ކޭޕީ ރާއްޖެއަށް ފޮނުވަން ކޯޓުން މި ނިންމީ، އީރާނާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޑިއޭގޯ ގާސިއާގެ ސަލާމަތީ ކަންކަން ގޯސްވެ، އެތަނުގައި ތިބި އާންމު މުވައްޒަފުން ހުސްކުރަން ފެށުމާ ގުޅިގެންނެވެ. އޭނާ އެކަނި އެތަނުގައި ބެހެއްޓުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ، އޭނާ އިނގިރޭސިވިލާތަށް ގެންދިއުމަށް އެދި އޭނާގެ ވަކީލުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އިނގިރޭސި ސަރުކާރުން ކޯޓުގައި ބުނެފައިވަނީ އޭނާއަށް އިނގިރޭސިވިލާތަށް އެތެރެވުމުގެ ގާނޫނީ ހައްގެއް ނެތް ކަމަށެވެ. ނަމަވެސް 20 އަށް ވުރެ ގިނަ ގައުމަކާ ކުރެވުނު މަޝްވަރާތަކަށްފަހު، 30 ދުވަހުގެ ވަގުތީ މުއްދަތަކަށް އޭނާއާ ހަވާލުވުމަށް ދިވެހިރާއްޖެއިން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން އޭނާ ރާއްޖެ ގެނެސް، ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދޭނެއެވެ. އަދި އޭނާ އަނބުރާ ސްރީލަންކާއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އިނގިރޭސި ހައިކޯޓުގެ ފަނޑިޔާރު ޖަސްޓިސް ކިމްބްލިން ވިދާޅުވީ މިއީ ވަރަށް ހާއްސަ ހާލަތެއްގައި ނިންމި ނިންމުމެއް ކަމަށާއި، ރާއްޖެއަށް ފޮނުވުމަކީ އޭނާގެ ފުރާނައަށް ހުރި ނުރައްކަލުން ސަލާމަތްކޮށްދިނުމަށް ލިބުނު ވަގުތީ އަދި އަމަލީ ހައްލެއް ކަމަށެވެ.

ނަމަވެސް، 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ދެން ކޭޕީއާ މެދު އަމަލުކުރާނެ ގޮތެއް އަދި ކަށަވަރެއް ނުވެއެވެ. އަދި ދާއިމީ ހައްލެއް ނުލިބިއްޖެނަމަ އަނެއްކާވެސް ގާނޫނީ ގޮތުން މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތްކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.