އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން "އިތުބާރު" ލޯންޗް ކުރައްވައިފި އެވެ. 

މިކަމަށްޓަކައި މ. ފިނިފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މީކާއިލް ވިދާޅުވީ ވަރަށް ގިނަ އެމް.ޑީ.ޕީ.ގެ އާންމު މެންބަރުންގެ ތާއީދާއެކު މީގެ ހައެއްކަ މަސް ކުރިން އޭނާ ވާނީ އެމް.ޑީ.ޕީ.ގެ ދާއިމީ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަކުރާނެކަން އިޢުލާނުކޮށްފައި ކަމަށެވެ. މީކާއިލް ވިދާޅުވީ އޭނާގެ ސަޕޯޓަރުންނާއި މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އަރުވަން އޮތް ޔަޤީންކަމަކީ އޭނާ އެ މަސައްކަތުގައި ދެމިހުރިކަމުގެ ޔަޤީންކަމެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލީ، ފުރަތަމަ ކަމަކަށް އޭނާ ގަބޫލުކުރާ ގޮތުގައި އެމް.ޑީ.ޕީ.ގެ ޗެއަރޕާސަން ކަމަށް އެ ޕާޓީގެ އާއްމު މެންބަރުންގެ އިތުބާރު އޭނާއަށް އޮތުން ކަމަށެވެ. އަދި އޭނާ ވާދަކުރައްވާ އިންތިޚާބުގައި ކާމިޔާބުވިޔަސް، ނުވިޔަސް އެމްޑީޕީ ގައި،  ޕާޓީގެ އާންމު މެންބަރުންނާއެކު ދެމިހުންނަވާނެކަމުގެ އިތުބާރު ޕާޓީގެ އާންމު މެންބަރުންނަށް އޮންނާނެ ކަމަށެވެ. 

ދެވަނަ ކަމަކަށް، އެމް.ޑީ.ޕީ.ގެ ޗެއަރޕާސަނެއްގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބު މި ޕާޓީއަށް ކާމިޔާބުކޮށްދިނުން. އަޅުގަނޑަށް ފެންނަފެނުމުގައި މިހާތަނަށް އެމް.ޑީ.ޕީ.އަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ، އެމް.ޑީ.ޕީގެ ހުރިހާ ބޭފުޅުން ވެސް އެކުއެކީގައި މަސައްކަތްކޮށްގެން. ޕާޓީ ބަދަހިކޮށް، އެންމެންގެ މަޞްލަޙަތުގައި މަސައްކަތްކޮށްގެން. އެހެން ނަމަވެސް، އަޅުގަނޑާ ވާދަކުރައްވާ ބައެއް ބޭފުޅުން، އެހެން ރިޔާސީ ކެންޑިޑޭޓުން އެންޑޯސްކުރައްވައިގެން ތިއްބެވީތީ އަޅުގަނޑާ އެބަ ސުވާލުކުރިމަތިވޭ އަޅުގަނޑު މިހާރު މިހިރީ އެއްވެސް ބޭފުޅަކާ އެކުތޯ؟ އަޅުގަނޑު ތިބޭފުޅުންނަށް އެމް.ޑީ.ޕީ.ގެ އާންމު މެންބަރުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، އަޅުގަނޑު މިހިރީ އެމް.ޑީ.ޕީގެ ޗެއަރޕާސަނެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުޤުވެރިކަން ހުރި ހުރިހާ ބޭފުޅުންގެ މެދުގައި ވެސް އިންސާފުވެރިކަމާއެކު، ހަމަހަމަކަމާއެކު އެ ބޭފުޅުންނަށް ގަބޫލުކުރެއްވޭނޭ އިތުބާރުކުރެވޭ ޕްރައިމެރީއެއް ބާއްވައިދޭން ތައްޔާރަށޭ. އަދި އަޅުގަނޑު މިހިރީ ވަކި ބޭފުޅަކާ އެކުއެއް ނޫނޭ. އަޅުގަނޑު މިހިރީ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނާ އެކުއޭ. 
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އޭނާގެ އަޒުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމެވެ. މީގެ އިތުރުން ޗެއަރޕާސަންގެ މަގާމަށް ހޮވިއްޖެނަމަ އޭނާގެ އަޒުމަކަށް ވާނީ ޕާޓީ އެކަތިގަނޑަކަށް ހަދައި ސިޔާސީ މަސައްކަތްތައް އާންމު މެންބަރުނާއި އެކު ކުރިއަށް ގެންދިއުމެވެ. 

މީކާއިލްއަކީ އުމުރުން 16 އަހަރުން ފެށިގެން އެމްޑީޕީގެ އެކި މަގާމްތަކުގައި މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ މެންބަރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އެއް ދައުރު ފުރިހަމަ ކުރައްވައި މިހާރު ގެންދަވަނީ ދެވަނަ ދައުރު ފުރުއްވަމުންނެވެ. 

މީކާއިލްގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަ ކުރައްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވެސް ވާދަކުރައްވަން ނިންމަވާފައިވެ އެވެ.