މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް ގޮވާލައްވައިފި އެވެ.

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށް ކުރުން ހުއްޓުވުމާއި، ޖިނާއީ އަދުލާ ގުޅޭ ބައިނަލްއަގްވާމީ ކޮމިޝަން، "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޒް އައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ އަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، މީގެ ތެރޭގައި ޓްރާންސް ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިފަދަ ސްކޭމްތައް ހުއްޓުވުމަށް ގައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތް ކުރެވޭނީ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަހުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށް ޕީޖީ ވިދާޅުވި އެވެ. 

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ގައުމުގައި ހުރީ އެކިވަރަށްކަމުން، އެއް ގައުމުގައި ހުންނަ ވަސީލަތް އަނެއް ގައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ދިވެހިރާއްޖެ އޮތީ މި ދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

"ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" އަކީ ޖިނާއީ އަދުލާ ގުޅޭ ސިޔާސަތު ކަނޑައަޅާ އދ ގެ މައިގަނޑު އިދާރާއެކެވެ. 

މިއަހަރުގެ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ އެކި ސެޝަންތަކުގައި ރާއްޖޭގެ ފަރާތުން ޕްނަލް ޑިސްކަޝަންތަކުގައި ބައިވެރިވެފައިވެ އެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި ޕްރޮސިކިއުޓަރ ޖެނެރަލްވަނީ ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިސްވެރިންނާ ބައްދަލުކުރައްވައި، އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. 

މިއަހަރުގެ ކޮންފަރެންސްގައި އެ އޮފީހުގެ ފަރާތުން ބައިވެރިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުރުން، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޒް މުހައްމަދު އަބްދުﷲ އާއި، އަޝްފާގު ނައީމްއާއި، އަހުމަދު އައިމަން އަލީ އެވެ.

މި ކޮންފަރެންސް ކުރިއަށްދަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.