ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމާ އެއްގޮތަށް އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުމާއެކު ކޮންގްރެސް އަވަސްކުރުމަށް ނިންމާފައިވާއިރު، ކޮންގްރެސް ބާއްވާނެ ސީދާ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ބުނީ ކޮންގްރެސް ބާއްވާނެ ސީދާ ތާރީޚެއް ފަހުން ހާމަކުރާނެ ކަމަށެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާޢު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް މުއިއްޒު ހުށަހެޅުއްވީ އެ ޕާޓީގެ ކޮންގްރެސް އަވަސްކުރުމަށެވެ.

ޝުޖާޢުގެ ޕޯސްޓުގައިވާ ގޮތުން ރައީސް މުއިއްޒުގެ ހުށަހެޅުއްވުމެއް ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވެ އެވެ.

ޕީއެންސީގެ ކޮންގްރެސް އަވަސްކުރުމަށް ނިންމާފައިވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ. ކޮންގްރެސް އަވަސްކުރަން ނިންމި ސަބަބުތައް ވެސް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވާއިރު އެ ޕާޓީގެ އިސް ބައެއް މަގާމު ތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ޕީއެންސީ ތެރޭގައި އުފެދިފައިވާ ކޯޅުންތަކުގެ ސަބަބުން ދާދިފަހުން ވަނީ، މިވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އެމަނިކުފާނުގެ "ފަސްޓް ކަޒިން"، އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލީގެ ނައިބް ރައީސް ކަމުގެ މަގާމުން ދުރުކޮށްފަ އެވެ. ޕީއެންސީ ގެ "އިސް އޮފިޝަލަކު" ވިދާޅުވީ، މި އަހަރު އޮކްޓޯބަރު މަހު ބާއްވަން ނިންނާމަފަ އޮތް ކޮންގްރެސް އަވަސްކުރަން ރައީސް މުއިއްޒު ނިންމެވީީ، ޕީއެންސީ ތެރޭގައި އެމަނިކުފާނަށް އޮތް ތާއީދު ކުޑަވަމުންދާތަން ފެނިވަޑައިގަންނަވާތީ އެވެ.