ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ސިޔާސީ ޕާޓީ، ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށް ގާނޫނީ ވަކީލް އާދަމް އާސިފް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އާސިފް ވިދާޅުވީ، ރައީސް މުއިއްޒު އަކީ އަނިޔާވެރި ވެރިއެއް ކަމަށާއި، ހުދުމުހުތާރުކަން އިސްކުރަމުންދާ ކަމަށެވެ.

އާސިފް ވިދާޅުވީ މިއަދު މިގައުމުގައި ރައީސް މުއިއްޒުގެ މައްޗަށް އަދި ޕީއެންސީގެ އިސްބޭފުޅުންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށާއި، އެބޭފުޅުންގެ މައްޗަށް ބޮޑެތި ހިޔާނާތުގެ މައްސަލަތައް ތުހުމަތު ކުރެވުނު ނަމަވެސް މައްސަލަ ތަހުގީގު ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް ހުރިހާ މައްސަލަތަކެއް ހުރީ މަޑު ޖައްސާލާފައި ކަމަށެވެ. 

މިހާރު މިރާއްޖޭގައި ހަގީގަތުގައި މިދިމާވެގެން މިއުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނޫނިއްޔާ ޕީއެންސީގެ އިސްކޮށް ހަރަކާތްތެރިވާ މީހުންގެ މައްޗަށް ގާނޫނެއް ނުހިނގާ އެނގޭތޯ އެމީހުން ކިތަންމެ ބޮޑު ކުށެއް ކުރިޔަސް. މިހާރު ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ހުށަހެޅިފައިހުރި އޮތް އެންމެ ގިނަ މައްސަލަ ހުށަހެޅި އެކަކަށް ވާނެ މާޒް ސަލީމް. މާޒް ސަލީމް އެންމެފަހުން ހުށަހެޅި ދެތިން މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް އަޅުގަނޑަށް އެނގިގެން ވެސް 20 މައްސަލަ އޮވޭ. އެންޓި ކޮރަޕްޝަން ކޮމިޝަންގައި ޕާކަށް ޖަހާފައި އެނގޭތޯ. ސުޖާމެންގެ އެމްއެމްއޭގެ ފައިނޭޝަނަލް އިޓެލިޖެންސް ޔުނިޓްގެ ރިޕޯޓެއް. އެ ރިޕޯޓު ނެރުނު މީހުން ބޭރުވާން ޖެހުނީ. ސުވާލުކޮށްލަން ވެސް ނުގެންދޭ. އެމްއެމްޓީވީގެ މައްސަލަ ވެސް. މިހެން ބައިވަރު މައްސަލަތައް. ދެން ތިން ވުޒާރާ އަންދާލި މައްސަލަ. 
ގާނޫނީ ވަކީލް އާދަމް އާސިފް

ފުލުހުންގެ މުއައްސަސާއަށް އިޝާރާތް ކުރައްވައި އާސިފް ވިދާޅުވީ މިނިވަންކަމާއި، ނުފޫޒެއް ނެތި އެއްވެސް މައްސަލައެއް މިސަރުކާރުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ވާނުވާ ނޭނގޭ ގިނަ މަރުތަކެއް މައްސަލަތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފް ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައި، ދިވެހި ރައްޔިތުންގެ އައިޑީކާޑުން ވައްކަން ކުރި ކަމަށާއި، އެމައްސަލައިގައި ވެސް އިލެކްޝަން ކޮމިޝަން (އީސީ)އިން އެ ޕާޓީ ޖޫރިމަނާ ކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައިނުވާ ކަމަށެވެ. 

އާސިފް ވިދާޅުވީ މިއަދު މި އަނިޔާވެރިކަން ނިންމުމަށްޓަކައި، ރައްޔިތުން ހިތްވަރު ކޮށްފައި މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށާއި، އެ ނޫން ގޮތަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް ގުޅިގެން މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.