ޗާޕުދެލި
ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކޮށްފިނަމަ ނިމިދިޔަ އިންތިޚާބުގެ އެފަދަ ހުރިހާ
ވޯޓެއްގެ ސައްޙަކަމާމެދުވެސް ސުވާލު އުފެއްދޭނެ އަދި ކުރިއަށް އޮތް
އިންތިޚާބުތަކަށްވެސް އަސަރު ކުރާނެކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު
ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު
ސުއޫދު އެފަދައިން ވިދާޅުވީ މ. ވޭވަށުގެ ގޮނޑީގެ މައްސަލައިގައި ބުރާސްފަތި ދުވަހު
ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް
ހުށަހަޅުއްވަމުންނެވެ.
މި
މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު،
އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ
ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި
ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި
ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް
ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު
ކަރުދާހެކެވެ.
އެހެންނަމަވެސް
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް
ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓު ކުރި ހޯދާފައިވަނިކޮށް،
ޕީއެންސީގެ ކެންޑިޑޭޓު މޮޅުވުމަށް މަގުފަހިވެގެންދިޔައީއެވެ. އެހެންވެ އެމްޑީޕީގެ ކެންޑިޑޭޓުން
މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ސުއޫދު
ވިދާޅުވީ، އެ ތިކިތަކަކީ ޗާޕްކުރިއިރު އަރާފައިވާ ދެލީގެ ތިކިތަކެއްކަމަށް އިލެކްޝަންސް
ކޮމިޝަނުންވެސް ބުނެފައިވާ ކަމަށާއި، އެކަން ކަރުދާސް ޕްރިންޓުކުރި ނޮވެލްޓީންވެސް
ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ނޮވެލްޓީން ފޮނުވި ސިޓީގައި ލިޔެފައިވަނީ"މި ހުރިހާ މަރުޙަލާއެއްގައި ޗެކްކުރިކަމުގައިވިޔަސް، މުޅި ޕްރޮޑަކްޝަން ނިޒާމުގައި
ތިކި ނައްތާލުމަކީ ނާދިރު ކަމެއް ކަމަށާއި، ތިކި ހުރުމުގެ ފުރުސަތު އޮންނާނެ"ކަމަށެވެ.
ސުއޫދު
ވިދާޅުވީ، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އެއްވެސް އިތުރު ފާހަގައެއް އެ ކަރުދާހުގައިނެތްކަމަށެވެ. އަދި ޤާނޫނުގައި ވޯޓު ބާތިލުވާ ޙާލަތްތަކުގެ ތެރޭގައި އޮންނަނީވެސް
އެމީހާ ޖަހާ ފާހަގަތަކުގެ ވާހަކަ ކަމަށާއި، ކަރުދާސް ޕްރިންޓުކުރާއިރު އަރާ
ތިކިތަކުގެ ވާހަކައެއް ނެތްކަމަށް ސުއޫދު ވިދާޅުވިއެވެ.
މީގެ އިތުރުން،
ހައިކޯޓުގެ ޙުކުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބަލާއިރު، 4 އޭޕްރީލްގައި
ލެވުނު ހުރިހާ ވޯޓަކަށް އަސަރުކުރާނެކަމަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްވެސް ސުއޫދު
ވަނީ ނުކުތާއެއް ހުށަހަޅުއްވާފައެވެ.
ސުއޫދު
ވިދާޅުވީ، ޗާޕު ކުރުމުގައި އަރާ ދެލިތިކީގެ މައްސަލަ އެއްވެސް އިރެއްގައި
މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި ނެތްކަމަށެވެ. އަދި އެ ކަރުދާސްތައް
ބާތިލުކޮށްފިނަމަ ކުރިއަށް ހުރި އިންތިޚާބުތަކަށް ވެސް އެކަމުގެ އަސަރު
ކުރާނެކަމަށް ވިދާޅުވިއެވެ.
ސުއޫދު
އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވުމުން އިސްތިއުނާފު ރައްދުވާ ފަރާތުން ވަނީ އެ
ނުކުތާތަކަށް ޖަވާބު ދީފައެވެ.
ސުޕްރީމް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު
ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.