ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗަރތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއިން އަބަދަވެސް ބަޙްރެއިން އަދި ކުވޭތާ އެކުގައި ވާ ކަމަށާއި، އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދު ކުރާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލާކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.