ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެއަށް އަންނަ ހައްޖާޖީންނަށް ފަސޭހައިން  ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. 

ހައްޖުގެ އަޅުކަމަށްފަހު، ހައްޖާޖީން އަންނަ ދުވަސްވަރު އަބަދުވެސް ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެ އެވެ. އެހެންކަމުން މި ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. 

އެޗްޕީއޭއިން ބުނީ، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ވަކިން ފުލޫ ކްލިނިކްތައް ވަކިން ގާއިމް ނުކުރި ނަމަވެސް ހޮސްޕިޓަލްތަކުން ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. 

ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ހައްޖުން ނުވަތަ އުމްރާއިން އެބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައުން ކެއްސުން ނޭވާލާން އުދަނގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށާއި، ޑޮކްޓަރަށް ދައްކާއިރު، އެ މައުލޫމާތު ހިއްސާ ކުރަން ޖެހޭ ކަމަށެވެ. 

އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު، އަނގަމައްޗާއި، ނޭފަތް ނިވާކުރުމާއި، ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭ ކަމަށެވެ. އަދި ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. 

ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މި މަހުގެ 5 ވާ ހުކުރު ދުވަހު އެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ، ހައްޖުވެރިން ރާއްޖެ ގެނައުމަށް ޓަކައި ޖުމްލަ ހަތަރު ފްލައިޓެއް ހަމަޖައްސާފައިވާ ކަމަށާއި، ފުރަތަމަ ފްލައިޓުން 242 ހައްޖުވެރިން މިމަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށެވެ.

ދެވަނަ ގްރޫޕުން 250 ހައްޖުވެރިން ޖޫން 7 ވަނަ ދުވަހު އަންނައިރު، ތިންވަނަ ފްލައިޓުން 243 ހައްޖުވެރިން ޖޫން 8 ގައި އަންނާނެ ކަމަށް އެ ކޯޕްރޭޝަނުން ބުނެ އެވެ. އަދި އެންމެ ފަހު ފްލައިޓު ރާއްޖެ އަންނާނީ ޖޫން 9 ވަނަ ދުވަހުގެ ރޭ މެންދަމު ވަގުތެއްގަ އެވެ. އެ ފްލެއިޓުގައި 250 ހައްޖުވެރިން ރާއްޖެ އަންނާނެ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެ އެވެ. 

ހައްޖު ކޯޕްރޭޝަނުން ބުނީ، ޖޫން 5 އަދި 8 ގެ ދަތުރުތައް ސައުދީ އެއާލައިންސްއިން ކުރާއިރު، ޖޫން 7 އަދި 9 ގެ ދަތުރުތައް ކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަނުން ކަމަށެވެ. 

މި އަހަރު ރާއްޖޭގެ ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ފުރާފައިވަނީ މެއި 15 އާއި 19 އާ ދެމެދުގަ އެވެ. އަދި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެ އެވެ.