މ. ވޭވަށު
ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި
ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް
ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގެ
އިސްތިއުނާފް އަޑުއެހުމުގައި އީސީގެ ވަކީލު ވަނީ ހައިކޯޓުގެ ނިންމުމާމެދު ކޮމިޝަނުގެ
ހުރި ކަންބޮޑުވުންތައް ތަފްސީލީ ގޮތެއްގައި ހުށަހަޅުއްވާފައެވެ.
ސުޕްރީމް
ކޯޓުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ވޭވަށު ކައުންސިލްގެ އިންތިޚާބުގެ
މައްސަލައިގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ވޯޓު ކަރުދާސްތަކަށް ބެލުމެއް ނެތި
ކަމަށެވެ. އަދި މި މައްސަލައިގައި އީސީގެ ފަރާތުންނާއި ވޯޓު ކަރުދާސް ޗާޕުކުރި ނޮވެލްޓީގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކަށްވެސް ހައިކޯޓުން ރިއާޔަތްކޮށްފައި
ނުވާކަން ވަކީލު ފާހަގަކުރެއްވިއެވެ.
އީސީގެ ވަކީލު
އިތުރަށް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި ޖެހިފައި ހުންނަ
ކުދި ތިކިތަކަކީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާނަމަ، އޭގެ ނޭދެވޭ އަސަރު ކުރިއަށް
އޮތް އިންތިޚާބުތަކަށްވެސް ކުރާނެ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވި ލޯކަލް
ކައުންސިލް އިންތިޚާބާއި، ރެފަރެންޑަމް ވޯޓުތަކުގެ ނަތީޖާއަށްވެސް މިފަދަ ނިންމުމެއްގެ
ސަބަބުން އަސަރުކޮށް، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް
ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.
ހައިކޯޓުގެ
ނިންމުމަކީ އިންތިޚާބީ ނިޒާމު ހިނގާ ގޮތުގެ މައިގަނޑު އަސާސްތަކާ ޚިލާފު ނިންމުމެއްގެ
ގޮތުގައި ސިފަކުރައްވައި، އީސީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ އެ ނިންމުމަކީ
ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
އިންތިޚާބީ
މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ އިންތިޚާބުތަކަށް
އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ
ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެއެވެ.
މި މައްސަލައިގައި
ފަނޑިޔާރުން ސާފުކުރަންޖެހޭ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ
ޙުކުމް ކުރެއްވުމެވެ.