މިއަދުގެ ހާލަތަކީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ރިމޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި އޮތުން ކަމަށާއި، މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކޮށް މަޖިލީހަކީ ރައްޔިތުންގެ ތަނަކަށް އަލުން ހެދުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގައި ހަމައިން ނު ނެއްޓި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައި ހުރީ ހުސް އިސްލާހު ކުރަން ޖެހިފައި ހުރި ކަންކަން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. 

އެ ހުރިހާ ކަމެއްގެ ތެރެއިން ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ މަޖިލީސް ސަލާމަތްކޮށް މަޖިލީހަކީ ރައްޔިތުންގެ ތަނަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނީ އެތަނުގައި އެމްޑީޕީގެ މެމްބަރުން ގިނައިން ތިބެގެން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"މިއަދުގެ ހާލަތަކީ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި. ރައީސްގެ ވިސްނުމާއި އެއްގޮތަށް ކަންކަން ކުރަނީ. މި ގައުމު ބޭނުންވާ ގޮތަށް ކަމެއް ނުކުރެވޭ. މި ސަބަބަށްޓަކާ ބަދަލުތަކެއް ގެންނަން ޖެހެނީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ރައްޔިތުން ތަމްސީލު ނުކުރެވޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. މެމްބަރުން ތަޅު އެޅުވުމުގެ ސަބަބުން މެމްބަރަކަށް މިނިވަންކަމާ އެކު ރައްޔިތުންގެ އަޑު އުފުލުމުގެ ފުރުސަތު ނެތް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ޕާޓީއަކުން ވާދަކުރާ ކެނޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާ އިރު ވައުދުވާ ކަންކަން ޕާޓީ އިން ނުފުއްދިޔަސް ޕާޓީ އިން ދުރަށް ނުގޮސް މެމްބަރުން ތަޅު އެޅުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެއީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.