ކަންކަން ނުވިޔަސް ޕީއެންސީގެ މެމްބަރުން ތިބޭނީ އާގަމަ ވެފައި ކަމަށާއި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓު ހޮވަންވީ އެހެންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަމުންނެވެ. އައްޑޫގައި މި ސަރުކާރުން ހަވާ ފަޓާސް އަރުވާފައި ހަންކެޑެ މަޝްރޫޢު ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް ބުނި ނަމަވެސް މިހާރު އެ މަސައްކަތް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިން ހަމަޖެއްސި ނަމަވެސް މި ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން މަޝްރޫޢުގެ މެދުތެރެއިން އެކަން ފެއިލްވެފައިވާ ކަމަށް މީގެ ކުރިން ވެސް އެމްޑީޕީ އިން ދަނީ ބުނަމުންނެވެ. ސޯބެ ވިދާޅުވީ ހަންކެޑެ ނުހުޅުވާ ސަބަބާއި މެދު ސުވާލު ކުރާނެ ކެނޑިޑޭޓަކީ އޭނާ ކަމަށެވެ.

"ހަންކެޑެ ނުހުޅުވައިގެން އުޅެނީ ކީއްވެތޯ އަހާނެ މީހަކީ މިއީ. އެހެންވެގެން ވޯޓުދޭންވީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސިޓީގެ ޝަންގްރިއްލާ ރިސޯޓުން ވަޒީފާ ދޭން ބުނި މީހުންނަށް ވަޒީފާ ނުދެވޭ ކަމަށާއި ސަރުކާރުން ދައްކަނީ މިފަދަ ފޭކު ވާހަކަތަކެއް ކަމަށް ސޯބެ ވިދާޅުވި އެވެ.  އައްޑޫގެ ލިންކްރޯޑް 1000 ދުވަހުން ނުނިމުމަކީ ބޭކާރު ވަގުތުތަކެއް ނަގާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނުވެ ހުރި ކަންކަމާއި މެދު ސުވާލުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މީހަކީ އޭނާ ކަމަށް ސޯބެ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނޫސްވެރިންނާއި ދިމާއަށް ސަރުކާރުން ހުތުރު ބަސްތައް ރައްދުކުރުމާއި ދެކޮޅަށް އޭނާ ވާހަކަދެއްކެވި އެވެ. އެއީ ރައީސް ޑރ .މުހައްމަދު މުއިއްޒު "ޓްރަމްޕް" އަށް ހެދެން ވެގެން ދައްކަވާ ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. 

ސޯބެ ވަނީ ހިތަދޫ އުތުރު ދާއިރާ އަކީ މުޅި ރާއްޖެ އަށް ވެސް މުހިންމު ދާއިރާ އެއް ކަމަށާއި އެ ދާއިރާ ތަމްސީލް ކުރަން ވާނީ މުޅި އައްޑޫގައި ނުކުރެވި ހުރި ކަންކަމަށް ޖަވާބުދާރީ ކުރުވޭނެ މީހެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. ޕީއެންސީ މެމްބަރަކަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.