ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމައިފި އެވެ.

މި ނިންމުން ނިންމީ މި ހިނގާ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޝުޖާއު ޕާޓީ ބަދަލުކުރި ކަމަށް ބުނެ އެވެ.

އެލްޖީއޭ އިން ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީގައި ވަނީ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް ޝުޖާއު އަށް އެންގުމަށެވެ. އަދި މި މުއްދަތުގައި ރައީސްގެ މަސްއޫލިއްޔަތު ކައުންސިލުގެ ނައިބު ރައީސް ސާމިރުއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އެލްޖީއޭ އިން ހާމަކުރި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބުކުރި ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ. އެއީ ކައުންސިލުތަކުގެ މި ހިނގާ ދައުރަށް އިންތިހާބުވި މެންބަރުން ހުވާކުރި ދުވަހެވެ. އެމްޑީޕީ އަށް ބަދަލު ވުމުގެ ކުރިން ޝުޖާއު ހުންނެވި ދަ ޑިމޮކްރެޓްސް އިލެކްޝަންސް އިން މިހާރު ވަނީ އުވާވެސް ލާފަ އެވެ. ޝުޖާއު އަކީ ނިމިދިޔަ ދައުރުގެ ވ. އޮތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފަވާ ބޭފުޅާ އެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު އެ ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. 

މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލުވާލައިފި ނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ މި ހުކުމް ތަންފީޒުކުރާ ފުރަތަމަ ފަހަރަށް ވާނެ ކަމަށް ބެލެވެ އެވެ.

ޕާޓީ ބަދަލުކުރި މައްސަލައެއްގައި އެމްޑީޕީއާ ގުޅުނު ފަރާތެއްގެ ގޮނޑި ގެއްލުމުގެ ބިރު އޮތްއިރު އިންތިހާބުވި ފަހުން ބައެއް ކައުންސިލަރުން ޕީއެންސީއާ ވެސް ގުޅުނެވެ. ނަމަވެސް މި މީހުން އީސީގެ ރަޖިސްޓްރީގައި ދަފްތަރުވީ ކޮން ތާރީހެއްގައި ކަމެއް އެނގޭކަށް ނެތެވެ.