ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ކުންފުންޏަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން މުވައްޒަފުންނަށް ދެމުން އައި ޗުއްޓީތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުރާސްފަތި ދުވަހު އެ ކުންފުނީގެ ބްރާންޗްތަކާއި ޑިޕާޓްމަންޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ދެމުން އައި ޗުއްޓީ އާއި މުސާރަ ނުލިބޭ ގޮތަށް ދެމުން އައި ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ފަހުގެ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށް ވެސް އަންގާފައިވެ އެވެ.

ފެނަކައިން މިފަދަ ކުއްލި ނިންމުންތައް ނިންމަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއި ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ރަށްރަށުގައި އެތައް ސަތޭކަ ވަޒީފާއެއް އުފައްދައި ދިނުމަށްފަހު އެވެ. އެ ވަޒީފާތައް ދިނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންކަމަށް ބުނެ ފާހަގަކުރެވެ އެވެ.

އިންތިޚާބުތަކުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުމާއެކު ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރާކަމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. 

މީގެ އިތުރުން ފެނަކައިގެ މެނޭޖްމަންޓުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު މިކަމުގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތަށް ބުރޫއަރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއި ކޮރަޕްޝަނުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ.