ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ދިއްގަރު ދާއިރާ ރައީސްގެ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ޕީއެންސީގެ އިސް މެންބަރަކު ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޕާޓީގެ ސެނެޓުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ ނާޒިމް އެ މަގާމުން ސަސްޕެންޑުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ދުރުކުރި ފަހުންނެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ނޯޓިސް ނާޒިމަށް ދީފައިވެ އެވެ.

ނަމަވެސް އިތުބާރު ނެތްކަމަށް ވޯޓު ނެގުމުގެ ކުރިން ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނާޒިމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެނދުނު 9:00 ގަ ބޭއްވި ޖަލްސާގެ ތިރީސް މިނެޓު ކުރިންނެވެ.

ޖަލްސާ ފެށެން ކުޑަ ވަގުތު ވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައި ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީއެންސީ އިން މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށެވެ. ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނާޒިމް ވަކިކުރަން ހުށަހެޅީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެންނެވެ.

ޕީއެންސީގެ ބައެއް މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ނާޒިމް ކުރެއްވި ކަމުގެ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ނާޒިމަށް ރައީސް މުއިއްޒުގެ އިތުބާރު ގެއްލުނު ސީދާ ސަބަބެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕީއެންސީ އިން މިހާރު ކުރަނީ ނާޒިމްގެ މަޖިލިސް ގޮނޑި ގެއްލުވާލުމުގެ މަސައްކަތެވެ. ނާޒިމް ޕާޓީގެ ދިއްގަރު ދާއިރާ ރައީސްކަމުން ސަސްޕެންޑުކުރުމާއެކު، އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.