ބޭސް ފިހާރައަށް ދިއުމުން ބޭސް ލިބޭ ކަމަށާ ނަމަވެސް ނުލިބެނީ ފަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްފައި ނުވާކަން މެންބަރު ފާހަގަކުރެއްވި އެވެ. 

ޒިޔާދު ވަނީ މި މައްސަލަ ހައްލު ކުރުމަށްޓަކައި ހެލްތު މިނިސްޓަރު ގީލާ އަލީ ޑޮކްޓަރުންނަށް ފާމަސީގައި ހުރި ބޭސް ދިނުމަށް އަންގަވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެންބަރު ވިދާޅުވީ ޑޮކްޓަރަށް ނުދިޔަ ނަމަވެސް ބޭސް ލިބޭ ކަމަށެވެ. ނަމަވެސް ނުލިބެނީ ފަރުވާ ކަމަށް ވިދާޅުވެފަ އެވެ. 

އައު ވަޒީރު މިހާރު ބޭހުގެ މައްސަލަ ހައްލު ކޮށްފި. ވަޒީރު ވިދާޅުވިތާ މިހާރު ޑޮކްޓަރުންނަށް ތިމަންނަ އަންގައިފީމޭ ބޭސް ފިހާރައިގަ ހުރި ބޭސް ދޭން. އެއީ ރައްޔިތު މީހާ އަށް ފަސޭހަ ގޮތޭ. ބޭސް ހޯދަން. އޭރަށް ކޮންމެހެން ނުޖެހޭނެތާ ޑޮކްޓަރަށް ދައްކާކަށް. ބޭސް ފިހާރަ އަށް ގޮސް ބުންޏަސް އެމީހުން ކައިރީގަ ބުންޏަސް ބޭސް ދޭނުހޭ. މީގަ ނުލިބޭނެ އެއްޗަކީ ފަރުވާ. ބޭސް މިހާރު ލިބޭނެ. މިހާރު ބައްޔަށް ފަރުވާ ނުލިބެނީ.
 ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. ނުލިބިގެން ގިނަ ފަހަރަށް ރައްޔިތުން އުޅެނީ ވެސް ބޮޑެތި ބަލިތަކުގެ ބޭސް ނޫން ކަމަށާ ނުލިބެނީ އާންމުކޮށް ކާ ބޭސް ކަމަށެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭސް ނުލިބޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ބޭސް ނުލިބުމުގެ މައްސަލަ އަކީ ރާއްޖޭގައި ދިގު މުއްދަތަކަށް ދެމިއޮތް މައްސަލައެކެވެ. ގިނަ ބަލިމީހުން ބޭސް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ބޭސްތައް ފާމަސީތަކުން ނުލިބި ދަތިވެފައިވެ އެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ނުލިބުމަކީ ބަލިމީހުންނަށް ބޮޑު ދަތިކަމެއް ކަމަށް ވެފައިވެ އެވެ.

ބޭހުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މީގެ ކުރިންވެސް އެކިއެކި ޑެޑްލައިންތައް ދީފައިވެއެވެ. އެގޮތުން މި ސަރުކާރުން އާސަންދަ ނިޒާމު ރީފޯމް ކުރުމަށްކަމަށް ބުނެ ގެނައި އެކި ބަދަލުތަކާއެކު އާއްމު ގޮތެއްގައި ބޭނުންކުރާ ގިނަ ބޭސްތައް ނުލިބޭ މައްސަލަ ބޮޑުވެ، އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ނަމަވެސް ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދީ ސަރުކާރުން ދިޔައީ ބޭސް ލިބޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. މިފަހުން އިސްތިއުފާ ދެއްވި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ވަރަށް ބޮޑަށް މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި ބޭހުގެ މައްސަލައަށް 100 އިންސައްތަ އަށް ހައްލު ނުވާތީ ރައްޔިތުން ޝަކުވާ ކުރަނީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ބޭހުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އައު ކުންފުންޏެއް އުފައްދައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އިން ބޭސް ވެސް ވަނީ ގެންނަން ފަށާފަ އެވެ. ނަމަވެސް، މިހާތަނަށް މި ކުންފުނީގެ ސަބަބުން ބޭސް ލިބުމުގެ ދަތިކަމަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 445 ފާމަސީ ހުރި ނަމަވެސް، ގިނަ ރަށްރަށުގެ ފާމަސީތަކުން އަސާސީ ބޭސްތައް ނުލިބުމުގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. 

ސަރުކާރަށް މި ވީހާ ދުވަހު މި މައްސަލާގައި ވެސް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމަށް ފަހު، މެއި މަހުގެ 26 ވީ އާދިއްތަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިހާރުގެ ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ރާއްޖެއަށް ބޭސް ލިބުމުގައި އަދިވެސް ބޮޑެތި ދަތިތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.