ރާއްޖޭގައި އުފެދިފައިވާ ބޮޑު ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، ރައްޔިތުން ނިކަމެތި ނުކޮށް ދަރަނި ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ހުޅުމާލޭގައި ބޭއްވި ބޮޑު ބަދަލު ކެންޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ، ދަރަނި ދައްކަން އަމަލު ކުރާ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ދަތިނުކޮށް ނުވަތަ ނިކަމެތި ނުކޮށް ދަރަނި ދެއްކޭނެ ކަމަށެވެ. 

އެގޮތުން އޮސްޓަރިޓީގެ ދަށުން ދަށް ކުރަމުން ނުވަތަ އުނިނުކޮށް ދަރަނި ދެއްކޭނެ ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް، ޓެކްސް ބޭސް ބޮޑު ކޮށްގެން މި ޕްރޮސްޕަރިޓީގައި ދަރަނި ދެއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއުސޫލުގެ ދަށުން ގައުމުތަކުން އަމަލު ކުރާއިރު، ރާއްޖެއިން ވެސް އެގޮތަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގައި އުފެދިފައިވާ ބޮޑު ދަރަނި އަނބުރާ އެބަ ދައްކަންޖެހޭ. އެއީ މިތަނުގައި ދިރިއުޅޭ 70،000 މީހުންނާއި، އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ބައެއް އަނބުރާ އަދާ ކުރަން ޖެހޭ ދަރަންޏެއް. އަބަދުވެސް މިއަހާ ސުވާލަކީ މަގެއްގައި ތާރު އެޅީމަ އެމަގަށް ދޮރު ހޮޅުވޭ ގޭގެ އާމްދަނީ ތަނަވަސް އިތުރުވެގެން ހިނގައްޖެހޭ. ހަރު މުދަލަކުން ނަތީޖާއެއް ނުކުތުމަށް އާއްމު ގޮތެއްގައި އެބަ ނަގާ 5 ނުވަތަ 7 އަހަރު. ދަރަނި އަނބުރާ ދެއްކުމަށް ލިބިފައި މިއޮތީ އެއަށްވުރެ ކުޑަ ދުވަސްކޮޅެއް. 5 އަހަރު. އެހެންވީމަ މީގައި ފަރަގެއް އެބަ އާދޭ. އަޅުގަނޑުމެންނަށް ނުރައްކަލަތެއް އެބަ ދިމާވޭ. ކަންބޮޑުވުމެއް އެބަ ދިމާވޭ. ދަރަނި އަދާ ކުރުމަށް އައިއެމްއެފްއިން ވެސް އަދި ދިވެހި ސަރުކާރުން ވެސް ވިސްނަވާ ގޮތަކީ ހަރަދު ކުޑަކޮށް، ރައްޔިތުންނަށް ލިބޭ އެއްޗެއް މަދުކޮށް ދެން ބާކީވާ ފައިސާ ކޮޅުން ދަރަނި އަދާ ކުރުން.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގެ ނަމުގައި މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށެވެ. 

ބޮޑު ބަދަލު ކެންޕޭންގެ  ތެރެއިން ވެސް ގިނަ ރަށްރަށަށް ދެވުނުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 90 އިންސައްތަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެމަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ މިމަޝްރޫއުތައް ކުރިއަށް ނުގެންދިއުމުން އެކަމުގެ ގެއްލުން މުޅި އިގްތިސާދަށް އަދި ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ދަރަނި އަދާ ކުރުމަށް ނެގި ދަރަނި ބާކީ ކުރާނަމަ ނުވަތަ ބޭކާރު ކުރާނަމަ ދަތުރު ވަރަށް ނުރައްކާވާނެ ކަމަށެވެ. 

އާއްމު ގޮތެއްގައި އިގްތިސާދީ އިލްމުވެރިން މިކަމާ ގުޅޭގޮތުން މިކިޔަނީ އޮސްޓަރިޓީ މެޝަރގައި ފައިސާ ހޯދުމޭ. ބަޖެޓް ސަރޕަސްއަށް ކުރުމަށް ގެނައުމޭ. އޮސްޓަރިޓީ މެޝަރ އަކީ އެއްޗެހި ކެނޑުން، މުސާރަ ކެނޑުން، ވަޒީފާގައި އުޅޭ މީހުން މަދު ކުރުން، އާސަންދަ މަދު ކުރުން، ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލުން ދެވޭ އެހެެންވެސް އިނާއަތްތައް މަދުކުރުން. ޓާގެޓްކުރުން. ދަށް ކުރުން، ކުޑަ ކުރުން.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ވަރަށް ގިނަ ބުރަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އަދި އެމަސައްކަތް ކުރެވޭނީ އެމްޑީޕީއަށް ކަމަށާއި، އެމްޑީޕީއަށް އެ ފުރުސަތު ހޯދައިދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.