މި ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ކަމަށް އިއުލާނު ކުރުމަށްފަހު، މަޖިލީހުގެ ޖަލްސާތައް ފަށާނީ އިތުރު އެއް ހަފްތާ ފަހުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ އެވެ. އެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލިސް ފަށާނީ އެއް ހަފްތާ ފަހުން މި ހަފްތާގެ ހޯމަ ދުވަހު ކަމަށް އިއުލާނު ކުރައްވާފަ އެވެ. 

ނަމަވެސް މަޖިލީހުގެ އިދާރާ އިން އާދިއްތަ ދުވަހު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. 

މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް 3 ދައުރަށް ބާހަލައިގެން މަޖިލީޙުގެ ޖަލްސާތައް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާއިރު މިއަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނިމުނު މެއި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، ޗުއްޓީއަށް ނުގޮސް މެއި މަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ވަނީ ދަންމާލާފަ އެވެ. 

ގަވާއިދުގައިވާ ގޮތުން މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މަޖިލީހުގެ މިދިޔަ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް އެކި ސަބަބުތަކާހުރެ ކުރުކޮށްފައިވާއިރު ގިނަ ޖަލްސާތަކެއް ކެންސަލް ވެސް ކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެތައް ފަހަރަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. އެހެން ނަމަވެސް ދައުރު ނިމުމާ ހަމައަށް ވެސް ޖަލްސާތައް ގަވާއިދުން ބާއްވާފަ އެއް ނުވެ އެވެ. އަދި ދައުރު ދަންމާލުމަށް ފަހު ވެސް ނާޒިމްގެ މައްސަލަ އެޖެންޑާ ކުރުން ފިޔަވާ އިތުރު ކަމެއް ކޮށްފައެއް ނުވެ އެވެ. 

ޖަލްސާ ފެށެން ބައި ގަޑިއިރަށް ވެފައި ވަނިކޮށް، ނާޒިމް އިސްތިއުފާ ދެއްވުމާއެކު އެޖެންޑާ ކުރި ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.