މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލަޔާގަތާއި ގާބިލުކަން ނެތް މިންވަރަށް ކަންކަން ހަވާލުކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ކުންފުނިތަކަށް ބުރަ ބޮޑުވެ މުވައްޒަފުންގެ ވަޒީފާއާ މެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ގާނޫނީ ވަކީލް  މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ކުންފުނިތައް މިހާރު ހިންގަމުންދަނީ ކުންފުނި އުފެއްދުމުގެ އަސްލު މަގްސަދާ ޚިލާފަށް ކަމަށެވެ. ކުންފުނިތައް ނުރަނގަޅުކޮށް ހިންގުމުން އެކަމުގެ ނޭދެވޭ އަސަރު ކުރަނީ އާއްމު މުވައްޒަފުންނަށް ކަަމަށް ނިޝާން ވިދާޅުވި އެވެ. އަދި ކުންފުނިތަކާ ބެހޭ ގާނޫނަށް ކުންފުނިތަކުން ފުރިހަމައަށް ބޯލަނބައި، އެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ކުންފުނިތަކުން ގާނޫނަށް ތަބާނުވާ މަންޒަރު ކަމަށް ނިޝާން ވިދާޅުވިއެވެ.

ކުންފުނިތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ކުންފުންޏަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމަށް ފަހު، އެ މުވައްޒަފުންނާ މެދު އަމަލުކުރަންޖެހޭ ވަކި އިދާރީ އިޖުރާއަތްތަކެއް ހުންނާނެ ކަމަށެވެ. ކުންފުންޏަށް އަލަށް ވައްދާ މުވައްޒަފުންނަށް ވަޒީފާއާ ބެހޭ އުސޫލުތައް ސާފުކޮށް ކިޔައިދޭންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޝާން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އައު ގާނޫނުއަސާސީ އުފެދުމުގެ ކުރިންނާއި ފަހުން އުފެދުނު ކުންފުނިތައް ވެސް މިހާރު ހިނގަމުންދަނީ އަމަލުކުރަމުންދާ ގާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. އެގޮތުން އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކަކީ ވެސް ގާނޫނުއަސާސީއަށް ފަހު، ގާނޫނުއަސާސީއާ އެއްގޮތަށް ދުސްތޫރު ކުރެވިގެން ހިންގަމުންދާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކޮށްފާނެ ފަޅެއް ހަވާލުކުރަން. އެކަން ކިހިނެތްތޯ އެހެން ކުރާނީ." އޭނާ ވިދާޅުވި އެވެ.

ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކަންކަން ތަރުތީބުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، ނިޝާން ވަނީ ކުންފުނިތަކުގެ މާލީ އަދި އިދާރީ ގާބިލުކަން ހުރި މިންވަރަށް ބަލައިގެން ނޫނީ މަޝްރޫއުތަކާއި މަސްއޫލިއްޔަތުތައް ހަވާލުނުކުރުމަށް ގޮވާލައްވާފައެވެ. ސަރުކާރުން ކުންފުނިތަކަށް ނުކަތާވަރުގެ ބުރަ ބޮޑުކުރުމަކީ އެ ކުންފުނިތަކުގެ މުސްތަގުބަލަށާއި މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.