ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާއިރު، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ދުނިޔޭގެ މުސްތަގުބަލަށްޓަކައި ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމެއް ކަމަށެވެ. 

ކަނޑުތަކާއި ރައްޔިތުންނާ އޮތް ގުޅުމަކީ އަމިއްލަ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާ ކަމެއް ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތައް ހިމާޔަތް ކުރުމަށް، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލުމާއި، ފަރުތައް އާލާކޮށް އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަަމަށެވެ. އަދި މިމަސައްކަތްތައް ކުރަމުންދަނީ މުސްތަގުބަލަށް އަމާޒުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ރައްޔިތުންނާއި ތިމާވެށީގެ ލާބައަށްޓަކައި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކަނޑުތައް ހޫނުވުމާއި ފަރުތަކުން ގާ ހުދުވުމުގެ އިތުރުން ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށެވެ. މި ދަނޑިވަޅުގައި، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ބޭނުންވާ ކަމަށާއި، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ އަސާސް ކަމުގައިވާ ކަނޑުތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، މުސްތަގުބަލަށްޓަކައި އެއީ އެންމެންގެ އަޒުމް ކަމުގައި ހެދުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.