މި ގައުމުގައި
އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް،
ބާއްވާ ކޮންމެ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެ ވިދާޅުވާ އޮޕޮޒިޝަނުންކަމަށް
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
"ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވަނީ ސަރުކާރުގެ
ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ގައުމުގައި
އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން
މާޒް ސަލީމް ވިދާޅުވީ، އިދިކޮޅެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ބާއްވަމުންދާ
ހުރިހާ އިންތިޚާބުތަކެއް ކާމިޔާބު ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި
މި ސަރުކާރަށް ތާއީދުކޮށްގެން ތިބޭކަށް މިހާރު ރައްޔިތުން ބޭނުންނުވާކަން އިންތިޚާބުތަކުގެ
ނަތީޖާތަކުން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމު ހިންގަވަން ބޭނުންފުޅުވަނީ ރަސްކަމުގެ
ނިޒާމަކަށް ކަމަށާއި، ނަމަވެސް ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ
މެދުގައި އޮތް އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރަސްކަމުގެ ނިޒާމަށް ޤައުމު ހިންގަން. ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ މެދުގައި އޮތް އިތުބާރުވެސް މުޅިން ގެއްލިއްޖެ. މި ސަރުކާރަށް ތާއީދުކޮށްގެން ތިބޭކަށް މިހާރު ރައްޔިތުން ބޭނުންނުވާކަން އިންތިޚާބުތަކުގެ ނަތީޖާތަކުން ސާފުކޮށް ދަނީ ފެންނަމުން.އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް ސަލީމް
ދުނިޔޭގެ
އެހެން ގައުމުތަކުގެ މިސާލު ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މިޑްޓާމް ނުވަތަ ދައުރުގެ
މެދުތެރެއިން ބާއްވާ އިންތިޚާބުތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެހެން ގައުމުތަކުގެ
ވެރިން އިސްތިއުފާ ދެއްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވެރިންގެ ކިބައިން އެފަދަ
ޒިންމާދާރުކަމެއް ނުފެންނަ ކަމަށާއި، އެއްވެސް ކަމަކަށް މި ސަރުކާރުން ޒިންމާ ނުނަގާ
ކަމަށް އޭނާ ވިދާޅުވިއެވެ.
މޫނަށް ރުލެއް
އަރުވާނުލައި ބައެއް މީހުން ދޮގު ހަދާކަމަށް ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވާތީ،
އެކަމަށްވެސް މާޒް ސަލީމް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އޭނާ ވިދާޅުވީ،
އެހެން ބަޔަކު ދޮގު ހަދާ ވާހަކަ ދައްކާއިރު، މި ސަރުކާރުން ރައްޔިތުންނަށް ހަދަމުންދާ
ދޮގުތައް މާ ގިނަ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިންގެ ކިބައިގައި ޒިންމާދާރުކަމެއް
ނެތްކަން ހާމަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާޒް ސަލީމް
އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން ތިބީ
ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި އިންތިޚާބުތަކުން ސަރުކާރަށް ލިބެމުންދާ ނާކާމިޔާބީއަކީ
ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނަމުންދާކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.