ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމުގެ
ތުހުމަތުވާ މީހެއްގެ ދައުވާ މެޖިސްޓްރޭޓު ކޯޓުން ބޭރުކޮށްލާފައިވަނީ ރަނގަޅަށް
ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި އުފުލާފައިވަނީ އިތުބާރު
ކުރެވޭ މަޤާމެއްގައި ހުރި މީހަކު ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ
ކުށުގެ ދައުވާއެވެ. މި ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުއެވެ.
މި ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް
ތުހުމަތު ކުރެވެނީ އޭނާގެ ދޮންދަރިއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށެވެ. އެގޮތުން
އެކި ފަހަރުމަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ
ޤާނޫނުގ ދަށުންނެވެ.
އެހެންނަމަވެސް މި ދައުވާ ހުށަހެޅުނު
މެޖިސްޓްރޭޓު ކޯޓުން ވަނީ އެއީ މައުޟޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫންކަމަށް
ކަނޑައަޅައި، ދައުވާ ފޯމު ބާތިލުކޮށްފައެވެ. އަދި ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން
ބަންދުކޮށްފައި ހުއްޓައި އޭނާ ވަގުތުން ދޫކޮށްލުމަށްވެސް މެޖިސްޓްރޭޓް ކޯޓުން
އަމުރުކުރިއެވެ.
ކޯޓުން އެގޮތަށް ނިންމީ މިއީ ޖިނާއީ
އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން
ޕީޖީ އޮފީހަށް ބަލައިގަނެ، ދައުވާ ކޮށްފައިވާ މައްސަލައެއްކަމަށް ބުނެއެވެ.
އެހެންކަމުން ޕީޖީ އޮފީހުން މެޖިސްޓްރޭޓު
ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓަށް ޕީޖީ އޮފީހުން
ހުށަހެޅީ 1 އިސްތިއުނާފީ ނުކުތާއެވެ. އެއީ މެޖިސްޓްރޭޓު ކޯޓުގެ މި ނިންމުމަކީ ޖިނާއީ
އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 94 ވަނަ މާއްދާ އަދި ޤާނުނުއަސާސީގެ
143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި
ނުކުތާއެކެވެ.
ޕީޖީ އޮފީހުން ކޯޓުގައި އެދިފައިވަނީ
މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށް، މިއީ މައުޟޫއީ ގޮތުން ބެލޭނެ
މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ މެޖިސްޓްރޭޓު ކޯޓަށް އަލުން
ތަހުވީލުކޮށްދިނުމަށެވެ.
ޕީޖީ އޮފީހުން ހައިކޯޓުގައި ދެއްކި ވާހަކަތަކަށް
ބަލާއިރު، މި މައްސަލައިގައި ދައުވާ ކުރުމަށް ހުރަހަކަށް ވާނެ ދިފާއެއް ދައުވާ
ލިބޭ ފަރާތުން ހުށަހަޅާފައިނުވަނީސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އަމިއްލަ
އިސްނެގުމަށް އެފަދަ ކަމެއް ފާހަގަކޮށް މައްސަލަ ނިންމާފައިވާކަމަށް
ބަޔާންކޮށްފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގައި
ބުނާ ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއަކީ ހަމައެކަނި ޝަރީއަތުގެ ކުރީގެ
މަރުޙަލާއަށް ފަހު ނެގޭނެ ދިފާއެއް ނޫންކަމަށްވެސް ޕީޖީ އޮފީހުން
ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދުނު ސަބަބުތައްވެސް
ކޯޓުގައި ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ތަހުގީގު މުއްދަތު އިތުރުކޮށްދިނުމަށް
ފުލުހުން އެދުނީ މައްސަލައިގައި ހިމެނޭ ކުއްޖާގެ ޖެންޑަރ އެސެސްމަންޓު ރިޕޯޓު
ލިބިފައިނުވާތީއާއި، 1 ހެކިވެރިއެއްގެ ބަޔާން ނުނެގި އޮތުމުންނާއި، ޕީޖީ
އޮފީހާއެކު ކުރެވިފައިވާ މަޝްވަރާގައި ބުނެފައިވާ ކަންކަން އިސްލާޙު ކުރުމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލު
ކަމަށެވެ. އަދި މި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށް ފަނޑިޔާރުން ވަނީ
ނިންމަވާފައެވެ.
ހައިކޯޓުގައި މައްސަލައިގެ ރިޔާސަތު
ބެލެހެއްޓެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްއެވެ. ދެން ހިމެނިވަޑައިގަންނަވަނީ
ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އަދި ފަނޑިޔާރު އިސްމާއިލް ޝަފީއުއެވެ.