ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ
ދެއްވައިފިއެވެ.
ޒަމީރު
މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ ތަރުޖަމާނު
މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.
މި އިސްތިއުފާގެ ސަބަބުތައް ސަރުކާރުން އަދި ހާމައެއް
ނުކުރައްވައެވެ.
ފިނޭންސް މިނިސްޓްރީ އަކީ ދައުލަތުގެ މާލީ ކަންކަން
ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މުހިންމު މިނިސްޓްރީއެއްކަމަށްވާތީ، ފިނޭންސް
މިނިސްޓަރުގެ މަޤާމަކީ ސަރުކާރުގެ ވަރަށް މުހިންމު މަޤާމެކެވެ. މި ދަނޑިވަޅަކީ
ސަރުކާރުގެ މާލީ ނިންމުންތަކާއި ސިޔާސަތުތަކަށް އާންމު ރައްޔިތުން ވަރަށް ބޮޑަށް
ފާޑުކިޔަމުންދާ ދަނޑިވަޅެއްކަންވެސް ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ
ބަޖެޓު ތައްޔާރުކުރުމާއި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ
އިތުރުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރުން އެކަށީގެންވާ ހަރުދަނާ
މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.
ދާދި ފަހުންވެސް މި ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.