ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު
އިސްތިއުފާ ދެއްވީ ޞިއްޙީ ސަބަބުތަކާހުރެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޒަމީރު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ
ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން
ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި
ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ
ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން"
ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން
ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް
ކުރައްވާފައެވެ.

އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ
ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި
ވިދާޅުވެފައިވެއެވެ.

މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް،
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް
ޒަމީރު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

ޒަމީރު ވަޒީރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު،
އިރާން ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ޗެއަރގެ
މަޤާމުގައި ހުންނެވީ އޭނާއެވެ.

މީގެ އިތުރުން އޭނާއަކީ ލޯކަލް ގަވަރންމަންޓް
އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްވެސް މެއެވެ.  

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފައެވެ.