ރައީސުލްޖުމްހޫރިއްޔާ
ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ
ދަށުން، ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ މި ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތައް
ހުރިގޮތުން ވަގުތު ނެތުމުގެ ސަބަބުންނެވެ.
މާޗު މަހުން
ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހުގެ އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރުމަށް
ހާއްސަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން ވަނީ އިއުލާނު ކުރައްވާފައެވެ. އެ
އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ
ބައްދަލު ކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ކުރިން
ވިދާޅުވެފައިވަނީ، ރަސްމީ ބަންދު ދުވަހެއް، ނުވަތަ ރަށުން ބޭރަށް ކުރައްވާ ދަތުރުފުޅެއް
ނުވަތަ އެފަދަ ކުއްލި ކަމެއް ދިމާނުވާހާ ހިނދެއްގައި ކޮންމެ ހަފްތާއަކުވެސް ނޫސްވެރިންނާ
ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.
މިއީ މަސައްކަތްޕުޅު
ބުރަވުމުގެ ސަބަބުން ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރި ފުރަތަމަ ފަހަރެއް
ނޫނެވެ. މިދިޔަ މެއި މަހުގެ ތެރޭގައިވެސް، ނޫސްވެރިންގެ ބައްދަލުވުން ފެށެން އެންމެ
ގަޑިއިރަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.
އެފަހަރުވެސް ސަރުކާރުން ބުނެފައިވަނީ ބައްދަލުވުން ބޭއްވޭގޮތް ނުވީ ރައީސްގެ މަސައްކަތްޕުޅުތައް
ހުރި ގޮތުން ކަމަށެވެ.
ސަރުކާރުގެ
ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމެވި
ނިންމެވުމަކީ ނޫސްވެރިން ބަލައިގަތް ކަމެއް ނަމަވެސް، ތަކުރާރުކޮށް މި ބައްދަލުވުންތައް
ކެންސަލްވަމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.