ހިޔާ ފްލެޓުތަކުގެ
14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް
ކުރަމުން އަންނަކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

ލިފްޓު ހަރުކޮށްފައިވީ ނަމަވެސް ބޭނުންނުކޮށް ގިނަ ދުވަސްވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ދަނީ ފެންމަތިވަމުންނެވެ.

އެހެންވެ
އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ގުޅާލުމުން އެ ކުންފުނިން ބުނީ،
ލިފްޓު ހަރުކުރުމަށްފަހުވެސް ކޮމިޝަން ކުރުމުގެ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން މިހާރު ކުރިއަށްދަނީ އެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި
ވިދާޅުވީ، މިހާރު 14 ވަނަ ޓަވަރުގެ މަސައްކަތް ހުރީ ކިހާ ހިސާބެއްގައިތޯ އިތުރަށް ބަލާލަން
ޖެހޭނެ ކަމަށެވެ.

އެޗްޑީސީން
ބުނީ މަސައްކަތް ކުރަމުންދަނީ މީހުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށާއި،
ވީހާވެސް އަވަހަށް އެ މަސައްކަތް ކޮށް އާންމުންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް
މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލިފްޓު ބޭނުން
ނުކުރެވި ގިނަ ދުވަސްވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. ވަކިން
ޚާއްސަކޮށް ބާރުބޮޑު ގަޑިތަކުގައި ތޮއްޖެހުން ފަދަ ކަންކަން ދަނީ ދިމާވަމުންނެވެ. ހިޔާ ފްލެޓުތަކުގެ
14 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށްވެސް ލިފްޓު ބޭނުން ނުކުރެވި ގިނަ
ދުވަސްވާތީ ކުޑަކުދިން ތިބި އާއިލާތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ލިފްޓު ނެތި
ތޮއްޖެހުން ވަރަށް ދަތިވެއެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ
މަޝްރޫއުގެ މަސައްކަތަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ
ތެރޭގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅޭ
އިރު، ހިޔާގެ ގިނަ ޓަވަރުތަކުގައި ހުންނަނީ ތިން ލިފްޓެވެ. މަދު ޓަވަރެއްގައި
ހަތަރު ލިފްޓް ހުރެއެވެ. 25 ބުރީގެ މި އިމާރަތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު
އިތުރުވުމުގެ ސަބަބުން، ލިފްޓަށް ބާރުބޮޑުވެ، ލިފްޓް ކިއޫއެއް އަބަދުވެސް
އޮވެއެވެ. ވަކިން ޚާއްސަކޮށް ހެނދުނާ ހަވީރު ސްކޫލް ތަކަށާ އޮފީސްތަކަށް ދާގަޑިއާ
ނިމޭގަޑިއަކީ އާންމުކޮށް ހިޔާގެ އިމާރާތްތަކުގައި ލިފްޓް ކިއު ދިގުވާ
ވަގުތުތަކެކެވެ.

މިމައްސަލަ ހައްލުކުރުމުގެ ގޮތުން ހިޔާ
ފްލެޓުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ
ވައުދުވެވަޑައިގެންފައެވެ.