ފާއިތުވި މެއި މަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 143 މައްސަލަ ބަލައިގަނެފައިވާ ކަމަށާ ދައުވާ ކުރުމަށް ކޯޓަށް 263 މައްސަލަ ހުށަހަޅާފައިވާ އެ އޮފީހުން ބުނެފި އެވެ. 

ޕީޖީ އޮފީހުގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް އެ އޮފީހުން ވަނީ އާންމު ކޮށްފަ އެވެ. ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު އެ އޮފީހުން ވަނީ ތަހުގީގީ އިދާރާތަކަށް 447 ލަފާ ދީފަ އެވެ. 

އޭގެ އިތުރުން މިދިޔަ މަހު 1150 އަޑުއެހުމަށް ހާޒިރު ވެފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. 

މެއި މަހު އެ އޮފީހުން ދައުވާ ކުރަން ކޯޓަށް 263 މައްސަލަ ހުށަހެޅިއިރު އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާ އެ އޮފީހުގެ މަސައްކަތްތައް ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚަރަދުކުޑަކުރަން ކަމަށް ބުނެ ފިޔަވަޅު އެޅުމުން ވެސް ގިނަ ބަޔެއްގެ ފާޑިއުކިޔުން ވަނީ އަމާޒުވެފަ އެވެ. 

ޕީޖީ އޮފީހުން ވަނީ 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވެ، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޕީޖީ އޮފީހުން ބުނީ، މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށެވެ.