ރައީސް ޑރ މުޙައްމަދު މުއިއްޒުގެ
ނާގާބިލު ސަރުކާރުން ޕެންޝަން ފައިސާއާ ގުޅޭ ގާނޫނީ ޒިންމާ އަދާކުރުމުގައިވެސް
ފެއިލްވެފައިވާކަމަށް ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
މައުރޫފް އެހެން ވިދާޅުވީ ވެމްކޯއިން
މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާނުކުރާތާ އެތަކެއް މަހެއްވުމުން، އެކަމާ
ދެކޮޅަށް މުޒާހަރާ ކުރި ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެކަމާ
ކަންބޮޑުވުން ފާޅު ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މައުރޫފް ވިދާޅުވީ، ޕެންޝަން ލިބުމުގެ
ހައްގަކީ ގާނޫނުއަސާސީގެ 38 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް
ކަމަށެވެ. އަދި ވިދާޅުވީ، 2009 ވަނަ އަހަރު އަމަލުކުރަން ފެށި ޕެންޝަނާ ބެހޭ ގާނޫނުގެ
ދަށުން ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް އެ އިނާޔަތް ފޯރުކޮށްދިނުމަކީ މަޖުބޫރު
ކަމެއް ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ،
ކަން އެހެން އޮތްނަމަވެސް، ޑރ. މުޙައްމަދު މުއިއްޒުގެ ނާގާބިލު ސަރުކާރުން މި ގާނޫނީ
ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ކަމަށެވެ. އަދި މި އަސާސީ ހައްގު ހޯދުމަށް ވަކާލާތުކުރާ
މުވައްޒަފުން ވަޒީފާއިން ވަކިކުރަން މިހާރު ފަށާފައިވާކަން ފާހަގަ ކުރައްވައި
މައުރޫފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ވެމްކޯގެ
މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް
ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ މައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހެޅިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މިކަން މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނަސްފަ އެވެ. މެންބަރުގެ ސިޓީގައި ބުނީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައި ކަމަށެވެ.
އޭގެ ފަހުން މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާއިރު، އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ.