ދިވެހި
ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް
އޮފީހުގެ މުޝީރަކަށް އައްޔަނު ކޮށްފިއެވެ.
ރާއްޖެއެމްވީން
ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، "ދިވެހި ބަހާއި ޤައުމިއްޔަތާ
ބެހޭ ޚާއްސަ މުޝީރު" ގެ މަޤާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވާ
ކަމަށެވެ. އަދި މިއީ އަލަށް އުފެއްދި މަޤާމެއް ކަމަށާއި، މިއީ މިނިސްޓަރުން ފެންވަރުގެ
މަޤާމެއްކަމަށްވެސް ރާއްޖެއެމްވީން ސުވާލު ކުރުމުން ތަރުޖަމާނު ކަށަވަރު ކޮށްދެއްވިއެވެ.
އާދަމް
ނަސީރު ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސްގެ އެންގެވުމަށް ކެބިނެޓުގެ ގިނަ
ވަޒީރުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅުގައެވެ. އޭރު އާދަމް ނަސީރު
އިސްތިއުފާ ދެއްވުމުން މިނިސްޓްރީގެ ނަން މިނިސްޓަރީ އޮފް އާޓްސް، ކަލްޗަރ އެންޑް
ހެރިޓޭޖްގެ ނަމަށް ބަދަލުކޮށް، އެ ވުޒާރާގެ ވަޒީރުކަމަށް ހީނާ ވަލީދު ވަނީ އައްޔަނު
ކުރައްވާފައެވެ.
އިސްތިއުފާ
ދެއްވައި އޭރު އާދަމް ނަސީރު ވަނީ އެހެންމީހުންގެ ގޯސްތައް ދައްކަން އުޅުމުގެ
ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު މުތާލިއާކޮށް އިޞްލާޙުކުރުމުގެ މުހިއްމުކަމާ
ގުޅޭ ޅެމެއްވެސް ހިއްސާކުރައްވާފައެވެ. އެއީ ރައީސް މުއިއްޒަށް އަމާޒުކޮށް ހިއްސާކުރެއްވި
ޅެމެއްކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
އަރަބި ބަހުން އޭނާ ހިއްސާ ކުރެއްވި މި ޅެމުގެ ދިވެހި ތަރުޖަމާއަށް ބަލާއިރު، ތިބާ އެހެން މީހުންގެ އައިބުތަކާއި ކުށްތައް ހާމަކުރާއިރު، ތިބާއަކީ ވެސް ކުށްތަކެއް ކުރެވިފައިވާ އަދި އަމިއްލަ ނަފްސުގައި އުނިސިފަތަކެއް އެކުލެވިގެންވާ މީހެއްކަން ހަނދާން ކުރުމަށް ޅެމުގައިވެއެވެ.
މީގެ އިތުރުން، ބައެއް މީހުންނަކީ ފެންނަ ފެނުމަށް އެންމެ ހެޔޮލަފާ މީހުން ކަމުގައި ހީވި ނަމަވެސް، އެމީހުންގެ އެތެރެފުށުގައި ފޮރުވިފައިވާ ކަންކަމަކީ ކިހާ ނުބައި ކަންތައްތަކެއް ހޭ ވެސް ޅެމުގައި ބުނެ އެވެ.
ހަމައެއާއެކު، ފަތުވާތައް ފަތުރައި، މީސްތަކުންނަށް ނަސޭހަތް ދިނުމަށް ފަހު، އަމިއްލައަށް ފާފަތަކަށް އަރައިގަނެ ތައުބާނުވެ ތިބޭ މީހުންގެ ވާހަކަ ވެސް އެ ޅެމުގައި އޮވެއެވެ. އަދި "ޝައިޚެއް" ނުވަތަ ވަލީވެރިއެއްގެ ގޮތުގައި މުޚާޠަބުކުރާ ބައެއް މީހުންނަކީ، ހަގީގަތުގައި ނުބައިކަމުގެ ތެރެއަށް ގެނބިފައިވާ މީހުންކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފަ އެވެ.
މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.