ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނު ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. 

"ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރު" ގެ މަޤާމުގެ މަސައްކަތް އާދަމް ނަސީރު ފައްޓަވާފައިވަނީ އަންގާރަ ދުވަހު އެވެ. އަދި މިއީ އަލަށް އުފެއްދި މަޤާމެއް ކަމަށާއި، މިއީ މިނިސްޓަރުން ފެންވަރުގެ މަޤާމެއްކަމަށްވެސް ރާއްޖެއެމްވީން ސުވާލު ކުރުމުން ތަރުޖަމާނު ކަށަވަރު ކޮށްދެއްވި އެވެ.

ތަރުޖަމާނު ވިދާޅުވީ، ރައީސް އޮފީހުން މި މަޤާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެކަމަށެވެ.

އެހެންނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ތަރުޖަމާނު އެކްސް މެދުވެރިކޮށް އިއުލާނު ކުރެއްވީ އާދަމް ނަސީރު މުޝީރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ސަބަބެއް އެމަނިކުފާނު ވިދާޅުނުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.