މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދުގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. 

ކްރިމިނަލް
ކޯޓުގައި މި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ގާޒީ އިބްރާހީމް އިޙްސާންއެވެ.
ގާޒީ ވަނީ މައްސަލައިގެ ތަހުގީގުންނާއި ހެކިތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާ
ކުރައްވާފައެވެ.

ގާޒީ
ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު
ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށްކަމަށް ފުލުހުންގެ
ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީ މީހާއާ މަގުމަތިން
ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށްކަމަށް
ބަޔާންކޮށް ހެކިތައް ހުށަހެޅިފައިވާކަމަށް ވިދާޅުވިއެވެ.

އެ ބިދޭސީ
މީހާ ދޫކުރަން ސައްހަ ނޫން ސިޓީއެއް ފޮނުވުމުން އޭނާ ދޫކޮށްލީ ދަންވަރުގެ
ވަގުތެއްގައި ކަމަށާއި، އިމިގްރޭޝަންގެ މުވައްޒަފަކު އެ ބިދޭސީ މީހާ
އިމިގްރޭޝަންގެ ކާރަކަށް އަރުވައިގެން އޭނާގެ އަތުން ފައިސާ އަތުލުމަށް ފަހު،
ރާއްޖެ ދޫކޮށް ދިއުމަށް އެ މީހާއަށް އެންގި ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފައެވެ.

އޭނާގެ
އަތުން އަތުލި ފައިސާތައް ޝަމްއާންގެ ގެއަށް ގެންދިއުމުން އޭގެ ތެރެއިން ހަތަރު ލައްކަ
ރުފިޔާ ޝަމްއާންގެ އަތުގައި ބެހެއްޓި ކަމަށާއި، އަދި އޭނާގެ ނަމުގައި އޮތް ދެ ލޯނަކަށް
އެދުވަހު ފައިސާ ދެއްކި ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ
ޝަމްއާންގެ ބައްޕަގެ ފަރާތުން ލިބުނު ފައިސާކަމަށް އޭނާގެ ފަރާތުން ދިފާއުގައި
ހުށަހެޅި ހެކިން ބުނެފައިވެއެވެ.

މީގެ
އިތުރުން، އޭނާގެ ގެއިން ފެނިފައިވާ ބައެއް ފައިސާއަކީ ކާރެއް ވިއްކާލައިގެން ލިބިފައިވާ
ފައިސާކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުމާއި، ހެކި
ޝަމްއާންގެ ފަރާތުންވެސް ހުށަހެޅިއެވެ. އެއީ 10،000 ޑޮލަރެވެ.

ޝަމްއާންގެ
ފަރާތުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލައަކީ ސިޔާސީ އަދި ޒާތީގޮތުން ކުޅެފައިވާ
ފިލްމެއް ކަމަށާއި، އެކަން ކުރުމުގައި ހަރަކާތްތެރިވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި
އަހުމަދު ލައްސާން ކަމަށެވެ.

ބިދޭސީންތަކެއް
ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ލައްސާން ބުނުމުން އެ މައުލޫމާތު ކަށަވަރު ކުރަން
ޝަމްއާން އެންގި ކަމަށާއި، އޭގެ ބަދަލުގައި އެ ބިދޭސީން ތިބި ތަނަށް ދިޔައީ
ލައްސާން އަމިއްލައަށް ކަމަށް ޝަމްއާންގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ޝަމްއާންގެ
ވަކީލް ވިދާޅުވި ގޮތުގައި ލައްސާން އެތަނަށް ދިޔަކަން އެނގުމުން، އިމިގްރޭޝަންގެ
ކަމާބެހޭ މުވައްޒަފުންނަށް އެކަން ވަގުތުން އަންގައި، އެ މީހުން އެތަނަށް ފޮނުވީ
ވެސް ޝަމްއާނެވެ. އަދި ސިޓީ
ފޯޖް ކުރުމަކީވެސް ލައްސާން އަމިއްލައަށް ކުރި ކަމެއްކަން ހެކިތަކުން އެނގޭކަމަށް
ޝަމްއާންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ޝަމްއާންގެ
ފަރާތުން ބުނެފައިވަނީ އޭނާގެ ގެއަށް ގެންދިޔަ ކޮތަޅުގައި އޮތީ ސޭންޑްވިޗެއް
ކަމަށެވެ. އަދި އެކަން ދިފާއީ ހެކިންގެ ހެކިބަހުގައި ފާހަގަކޮށްފައިވާކަމަށްވެސް
ބުނެފައިވެއެވެ.

އެހެންނަމަވެސް
ގާޒީ ވިދާޅުވީ، އެކަން ހިނގީ އެގޮތަށް ނޫންކަން ޝަރީއަތަށް ޝައްކެއް ނެތް
މިންވަރަށް ސާބިތުވާ ކަމަށެވެ.

ގާޒީ
ވިދާޅުވީ، މި ދައުވާގައި ބަޔާންކުރާ ފައިސާ ބިދޭސީމީހާ އަތުން ގަސްތުގައި
ފޭރިގެންފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި، އެކަންކަން ހިނގީ
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ގުޅިގެންކަން އެނގެން އެބައޮތް ކަމަށެވެ. އަދި
މި ކަންކަމުގައި ޝަމްއާން ބައިވެރިވެފައިވާކަން އެނގެން އޮތްކަން ދޭހަވާ ހެކިތައް
ދައުލަތުން ހުށަހަޅާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ،
ބިދޭސީ މިހާއަށް ބިރު ދައްކާފައިވަނީ "ރިއަލް ޓައިމްކޮށް" ޝަމްއާންގެ
އިރުޝާދާއެކުކަން ހެކިތަކުން އެނގޭކަމަށެވެ. އަދި އެކަން ފޭރުމުގައި ބައިވެރިވި
މީހުންގެ އިއުތިރާފުން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން
ފޭރުމުގައި ޝަމްއާން ބައިވެރިވިކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް
ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ. އެއަށްފަހު ރަސްމީ ޙައިސިއްޔަތު ނަހަމަ
ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ.

މަނީ
ލޯންޑަރިންގ ގެ ދައުވާއަށް ބަލާއިރު، އެ ދައުވާވެސް ޝަރީއަތަށް ސާބިތުވާކަމަށް
ގާޒީ އިޙްސާން ވަނީ ކަނޑައަޅުއްވާފައެވެ.

އަދަބާ
ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި
އަދަބު މަތިވާ ޙާލަތްތައް އެބަހުރި ކަމަށެވެ. އެކަންކަން ވަކީލު ވަނީ ކޯޓުގައި ތަފްސީލު
ކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ޝަމްއާނަކީ ދައުލަތުގެ އިދާރާއެއްގެ ވެރިޔާގެ
މަޤާމުގައި ހުންނެވި ފަރާތަކަށް ވުން ހިމެނެއެވެ.

ދިފާއުން
އެދުނީ މި ދައުވާތަކާ ގުޅިގެން ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި
ޖަލު އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށްވެސް ދިފާއުން އެދުނެވެ.

ދެން
އޮންނާނީ އަދަބު ކަނޑައަޅައި، ޙުކުމް ކުރެއްވުމުގެ އަޑުއެހުމެވެ.