ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަޙީދު 25 އަހަރަށް ޖަލަށް ލާން ޙުކުމްކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާ އެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.
އެ ދައުވާތައް ސާބިތުވާކަމަށް އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ އިބްރާހިމް އިޙްސާން ވަނީ ކަނޑައަޅުއްވާފައެވެ.
ފޭރުމުގެ ކުށުގެ ދައުވާގައި އިއްވީ 8 އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހެނީ 7 އަހަރާއި، 2 މަހާއި 20 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި ފޭރުމުގެ ކުށާ ގުޅިގެން ގެއްލުންވި މީހާއަށް 5 ލައްކަ ރުފިޔާ 3 މަސްތެރޭ ދެއްކުމަށްވެސް ޙުކުމްކޮށްފައިވެއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވީ 2 އަހަރުގެ ޙުކުމެކެވެ.
މަނީ ލޯންޑަރިންގ ގެ ދައުވާގައި 15 އަހަރުގެ ޙުކުމެއް އިއްވައި، 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާގައި ޝަމްއާން ލޯންޑާރ ކުރިކަމުގެ ތުހުމަތުވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އަދި ޝަމްއާންގެ އަތުގައި ބެހެއްޓިކަމަށް ބުނާ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. އެހެންކަމުން އެ އަމުރުވެސް ގާޒީ ވަނީ ނެރެދެއްވާފައެވެ.