އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން، ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން އެ ޕާޓީން ބަދަލުކޮށްފި އެވެ.

މި މައްސަލަ ޕާޓީގެ އިދާރާއަށް ހުށަހެޅުއްވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް ހޯމަ ދުވަހު ފޮނުއްވި ސިޓީގައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ސްކޫލުތަކުގައި ވޯޓުފޮށި ބަހައްޓަން ކޮމިޓީން ކުރިން ނިންމާފައި އޮތް ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގެތަކުގައި ފޮށި ބަހައްޓަން ކޮމިޓީގެ މުގައްރިރު ފަހުން ނިންމެވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީކާއީލް ވިދާޅުވި ގޮތުގައި ފ. ފީއަލި، ލ. އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫ އަދި ގއ. ވިލިނގިލީގެ ހަރުގެތަކުގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ވޯޓުފޮށި ބަހައްޓަން ނިންމުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.

މި ޝަކުވާތަކާ ގުޅިގެން އެމްޑީޕީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ އެ ހަތަރު ރަށުގެ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނެސް ފައެވެ. އެގޮތުން ފީއަލީގެ ވޯޓުފޮށި ފ. އަތޮޅު ސްކޫލަށް ބަދަލުކޮށްފައިވާއިރު، އިސްދޫ-ކަލައިދޫގެ ފޮށިތައް ބަހައްޓާނީ އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލުގަ އެވެ. މީގެ އިތުރުން ލ. މަތިމަރަދޫގެ ފޮށި ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލަށް އަދި ވިލިނގިލީގެ ވޯޓުފޮށި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ވަނީ ބަދަލުކޮށްފަ އެވެ.

އަންނަ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ. ވޯޓުފޮށި ބަހައްޓާ ތަންތަނަށް މި ގެނައި ބަދަލަކީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ ޕާޓީން ބުނެ އެވެ.