ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުށި ސިޓީ އާއި ހަނިމާދޫ އަށް ވަޑައިގެން، ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ރައީސް ސޯލިހު ކުޅުދުއްފުށި ސިޓީ އާއި ހަނިމާދޫ އަށް ވަޑައިގަންނަވާފައި މި ވަނީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއިލް ނަސީމް އަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ. ކުޅުދުއްފުށީގައި އަންގާރަ ދުވަހު އިތުބާރު ޓީމުން ވަނީ ދޮރުން ދޮރަށް ހަރަކާތްތައް ހިންގަވާފަ އެވެ. އަދި ހަނިމާދޫ އަށް ހަވީރު ވަޑައިގެން އެ ރަށުގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު އާއި މީކާއިލްގެ އިތުރުން އެ ޓީމްގެ އިސް ފަރާތްތަކުން ވަނީ ބައްދަލުކުރައްވާފަ އެވެ.
މިހާރު އަނެއްކާވެސް އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުށީގައި ތިބި އިރު އަންގާރަ ދުވަހުގެ ރޭ ކެމްޕެއިންގެ އިތުރު ހަރަކާތްތަކެއް އެ ސިޓީގައި އޮންނާނެ އެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު އޮތީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.