ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާ ކަމަށާއި، ސަރުކާރުގެ ތެރެއިން މިހާރު ފެންނަނީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅުން ފަހަރަކު ބޭފުޅަކު އެމަނިކުފާނާ ފެޔަށް ޖެހިވަޑައިގަންނަވާ މަންޒަރު ކަމަށް ކުރީގެ ވަޒީރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، މި ސަރުކާރުން މިހާރު އިންތިހާއަށް ގޯސްތައް ހަދަމުންދާ ކަމަށެވެ. ކުރީގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި އެހެނިހެން ބޭފުޅުން ސަރުކާރުގައި ތިއްބަވަން ބޭނުން ނުވަނީ ކަންކަން ގޯސްވުމުން ކަމަށެވެ. އަދި މަޤާމެއް ދިނަސް މިހާރު ސަރުކާރުގެ މަޤާމެއްގައި ވެސް މީހަކު ހުންނަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާކަން ފާހަގަކުރައްވައި، އޭގެ މިސާލެއްގެ ގޮތުން މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޑީޑީ ސިފަކުރެއްވި ގޮތުގައި މި ސަރުކާރަކީ އެއްވެސް މިސްރާބެއް ނެތް "ވާނުވާ" ސަރުކާރެކެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޑރ. ޑީޑީ ވިދާޅުވީ، ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ހާސް ބަޔަކަށް ވަޒީފާ ދިނުމަށް ފަހު، މިހާރު ޝަރުތު ހަމަނުވާ މީހުން ވަޒީފާގައި ތިބި ކަމަށް ބުނުމަކީ ސަރުކާރުން އަމިއްލައަށް އިއުތިރާފުވުން ކަމަށެވެ. އެއީ ސިޔާސީ ބޭނުމަށްޓަކައި ގޯސްކޮށް މީހުން ވަޒީފާތަކަށް ވައްދާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އާސަންދަ އެއް ނުލިބޭ. ޑޮލަރު އަގުހެވެއް ނުވޭ. މިފަދަ ކިތަންމެ ކިތަންމެ ކަމެއް. ޓީމޫ އިން ކުރި ވިޔަފާރި ވެސް އެހެރީ ހުއްޓިފައި. މި ހާލަތުގައި ކަންކަން އޮތީ." ޑީޑީ ވިދާޅުވި އެވެ.
މީގެ އިތުރުން، އާންމު ރައްޔިތުން އޮންލައިން ޕްލެޓްފޯމްތަކުން ކުރަމުންދާ ކުދި ވިޔަފާރިތަކަށް ދާންދެން ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރިހާ ދިމާއަކުން ވެސް ފެންނަނީ ރައްޔިތުންނަށް އިންތިހާއަށް ދަތިކަން ކުރިމަތިވަމުންދާ މަންޒަރެވެ.
ޑރ. ޑީޑީގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މި ވެރިކަން ހިންގަމުންދަނީ އެއްވެސް ކަހަލަ އުސޫލެއް ނުވަތަ އަސާސެއް ނެތި ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލި، ސަރުކާރުގެ އެތެރޭގެ މަސްލަހަތު ވެސް ގެއްލެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.