އައްޑޫ ސިޓީގައި އެކި ބާވަތުގެ ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދާ ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ރަށު "ލާމިޔާގެއާގެ" އެވެ. މި ގެ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 10 ވީ ހޯމަ ދުވަހުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 90 ދުވަހުގެ މުއްދަތަކަށެވެ.
އައްޑޫގައި މަސައްކަތްކުރާ ފުލުހުން ބުނީ، މި ގެއަކީ ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން ފަދަ އެކި ކުށްތަކަށް އަރައިގަންނަ މީހުން އާންމުކޮށް އެއްވެ އުޅޭ ތަނެއް ކަމަށެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫތައް ފޯރަމުންދާތީ، އެކި ފަހަރުމަތިން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ގެ ބަންދުކުރީ އެ ސަރަހައްދުގެ އަމާންކަން ގާއިމުކޮށް، އާންމުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތު ހަމަވަންދެން ހުއްދައެއް ނެތި ވަދެނިކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ވަނީ މިފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
މިފަދަ މައްސަލަތަކުގައި ކޯޓު އަމުރުގެ ދަށުން މީގެ ކުރިންވެސް ބައެއް ތަންތަން ބަންދުކޮށްފައިވެ އެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭކަމުގެ ތުހުމަތުގައި އެ ސިޓީގެ ފުނާޑު އަވަށު "ގުލިސްތާނުގެ" ވެސް ވަނީ ބަންދުކޮށްފަ އެވެ. އެ ގޭގެ މަސްތުވާތަކެތި ބޭނުންކުރަން ހަދާފައިވާ ބައި ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ 2024 މެއި 27 އިން ފެށިގެން 85 ދުވަހުގެ މުއްދަތަށެވެ.