ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މުދައްރިސުން ނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ މުދައްރިއްސުން އަންނަނީ ވަރަށް ރަނގަޅަށް ޚިދުމަތް ކުރަން ބޭނުންވާތީ ކަމަށާއި، މިސަރަހައްދުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ގާބިލު މުދައްރިސުން އެބަތިބި ކަމަށެވެ.

ނަމަވެސް މިސަރުކާރުން ރެމިޓެންސްއަށް ކުއްލިއަކަށް ގެނައި ބޮޑު ބަދަލާއެކު އެ މުދައްރިސުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަަމަށާއި، އެމައްސަލަ ހައްލު ކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަދި މިނިސްޓަރު ގެ އަރިހުން އެދުނު ނަމަވެސް މިއަދާ ހަމައަށް ހެއްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަންކަމުގެ ސަބަބުންނާއި އަދި މިދޭތެރެއިން މިފަހުން ބެންކް އޮފް މޯލްޑިވްސްއިން މިކުރިމަތިވި ހުރަސްތަކާ ގުޅިގެން މިގައުމުގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސުންނާއި ފަންނީ ބޭބޭފުޅުންނާއި އެބޭފުޅުންގެ މަސައްކަތުގެ މައިގަނޑު މަސައްކަތުގެ މަގުސަދު ހާސިލްނުވާނަމަ ކިހިނެއްތޯ މިތާގައި ތިބޭނީ. އެބޭފުޅުން އެބޭފުޅުންގެ އާއިލާ އެބޭފުޅުންގެ ގައުމުގައި ބައިތިއްބާފައި މިތަނުގައި މަސައްކަތް ކުރަނީ އާއިލާއަށް އެއްޗެއް ހޯދައިދޭން. އަނބިދަރީންނަށް ކާންދޭން. ބޯން ދޭން. އެމީހުންގެ ގޯތި ގެދޮރަށް ފައިސާ ދައްކައިދޭން. ގޯތިގެދޮރު އިމާރާތް ކުރަން. އެކަންކަމަށް ބޭނުންވާ ފައިސާ އެމީހުންނާ ހަމައަށް ދުވަހުން ދުވަހަށް އެމީހުން ބޭނުންވާ މުއްދަތަށް ނުފޮނުވޭ ކަމަށްވަންޏާ ކީއްކުރަން މަސައްކަތް ކުރަނީ މިތާގައި. 
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

ރާއްޖޭގެ ސްކޫލުތަކުގައި މުދައްރިސުން ހަމަނުވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ މިއީ ބެލެނިވެރިންނާއި، ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ބައެއް ސްކޫލުތަކުގައި ބައެއް މާއްދާތައް މުދައްރިސުން ނެތިގެން ކިޔަވައި ނުދޭ މައްސަލަ ބޮޑު ކަމަށާއި، މިފަހުން ރާއްޖޭގެ ސިޓީއަކުން ވަކިވަކި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ވަގުތީ މުދައްރިސުން ހޯދުމަށް އިއުލާން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑަށް ޕާސަނަލީ ވަރަށް ގިނަ ސްކޫލުތަކުން މައުލޫމާތު ލިބޭ ބައެއް ކުދިކުދި ސްކޫލުތަކުން މިއަހަރުގެ ތެރޭގައި އެކަނި ވެސް އެތައް ދުވަހެއް ވަންދެން އެސްކޫލުތަކުގައި މަސައްކަތް ކުރާ ހަތަރުފަސް މުދައްރިސުން ރާއްޖެ ދޫކޮށްފައި ހިގައްޖެ. އިސްތިއުފާ ދީފައި ހިގައްޖެ. ކުއްލި އަކަށް މިގެންނަނީ އަނެއްކާ ވެސް އައު މުދައްރިސުން. ހަމަ އަވަސް އަރުވާލާފައި އައު މުދައްރިސުން އެބަ ގެނޭ. މީހުން ހަމަވެއްޖޭ ދަންނަވަން ވެގެން. އެހެން ނަމަވެސް މިއަދު ވެސް ރާއްޖޭގައި ބައިވަރު އެތައް ސްކޫލުތަކެއްގައި އެބަހުރި މުދައްރިސުން ނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ. އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ.
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ދިވެހި ދަރިވަރުންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކައި ބޭރުގެ މުދައްރިސުންނަށް މިދިމާވާ ދަތިތައް ހައްލު ކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެހެން ގައުމުތަކުން ވެސް ބޭރުގެ މުދައްރިސުންނަށް ރަނގަޅު ފުރުސަތުތައް ހުށަހަޅާ ކަމަށާއި، ރާއްޖޭގައި އެމީހުންނަށް ދަތި އުދަނގޫތައް ކުރިމަތިވާނަމަ މިގައުމުގައި ޚިދުމަތް ކުރުމަށް މަޑު ނުކުރާނެ ކަމަށެވެ.