އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ކްރައިމްސް އެގައިންސްޓް ޗިލްޑްރެން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. 

އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށެވެ. 

މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާ ގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 31 މެއި 2026 ގަ އެވެ. އަދި ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އަނިޔާވި ކުއްޖާއާއި ބައެއް އިތުރު މީހުންގެ ބަޔާންވެސް ނަގާފަ އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން  ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.