އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުސް އޮފިސަރުގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. 

އެ ފުލުސް އޮފިސަރަކީ ލ.ފޮނަދޫ، ޗިޅިޔާގެ، ޝަކީބް ޔޫސުފް (49 އަހަރު) ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ 2026 ޖޫން 1 ވަނަ ދުވަހު އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ފުލުހެއްގެ މައްޗަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަކީބް ޔޫސުފް ހައްޔަރުކޮށްފައިވަނީ 2026 ޖޫން 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާ ގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައެވެ.