އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހަތް މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.
މި ހަތް މުވައްޒަފުންނަކީ ވެސް ކޫއްޑޫގެ މަސް ކާރުހާނާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.
މިފްކޯ އިން މި މުވައްޒަފުން ވަޒީފާ އިން އެކެހެރިކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް 14 ދުވަހުގެ މުއްދަތަކަށެވެ. މި މައްސަލައިގައި ސަސްޕެންޑް ކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ 3 މީހަކާއި ގއ. މާމެންދޫ އަށް ނިސްބަތްވާ 4 މީހެކެވެ. މީގެ ތެރޭގައި މިފްކޯގައި ވަޒީފާ އަދާކުރާތާ 18 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުން ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ރައީސް ނަޝީދާ ސަލާމް ކުރަން ދިއުމާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މިފްކޯގެ މުވައްޒަފުން:
1. އިބްރާހިމް އާޖިދު، ގއ. ވިލިނގިލި
2. ހުސައިން ސޮބްރީ، ގއ. ވިލިނގިލި
3. ވާފިރު އިބްރާހިމް، ގއ. ވިލިނގިލި
4. ފިޔާޒު މޫސާ، ގއ. މާމެންދޫ
5. އިބްރާހިމް ނާފިއު، ގއ. މާމެންދޫ
6. އަބްދުﷲ ރަޝީދު، ގއ. މާމެންދޫ
7. ނާޝިދު އިބްރާހިމް، ގއ. މާމެންދޫ
މިފްކޯގެ މުވައްޒަފުންތަކަކަށް މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ވެސް ސިޔާސީ ހަސަދަ ފިލުވުމުގެ ގޮތުން އިތުރު ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެއް ބަޔަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ ވަޒީފާ އިން ވަކިކުރަމުންދާއިރު، ސަރުކާރުން ދަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ބަހަމުންނެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާއިރު، މިއީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ވަޒީފާގެ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ. ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ފައްޔާޒް ވިދާޅުވީ ވަޒީފާގެ ބިރު އިންތިހާއަށް ބޮޑު ވެއްޖެ ކަމަށާއި، މިީހަކާ ސަލާމްކޮށްލަންވެސް ދާން މިހާރު ނުކެރޭ ކަމަށެވެ. މިއީ ރައްޔިތުން ލަދުވެތިކޮށްލާ ދަށު ދަރަޖައަށް ވައްޓާލުން ކަމަށް ފައްޔާޒް ސިފަކުރެއްވި އެވެ.