އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ހުރިހާ ވޯޓު ފޮއްޓެއް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ފޮނުވައި ނިންމާލެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

މި އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދާ އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ، ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް މާލެ އިން ޑިސްޕެޗް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށެވެ. އެގޮތުން މިހާރު ވަނީ 80 އިންސައްތަ ޑިސްޕެޗް ކުރެވިފައި ކަމަށާއި، ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ވޯޓު ފޮށިތައް ފޮނުވަލަވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް އެވެ. މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ 12 ޖޫން 2026 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 ން ރޭގަނޑު 8:00 އަށެވެ. ޗެއަރޕާސަން އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓު ލެވޭނީ 22 އެޕްރީލް އާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބޭ މެންބަރުންނަށެވެ.