އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް ކަމަށާއި، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، ޕާޓީ ރޫޅާލާފައި ދާ ބަޔަކަށް އަލުން އައުމުން
ޕާޓީގެ އިސް މަޤާމުތައް ދެވޭކަށް ނެތްކަމަށާއި، އެހެން ހެދުމުން ވާ ގޮތަކީ މާދަމާވެސް
އިންތިޚާބަކުން ބަލިވުމުން ޕާޓީ ރޫޅާލަން ހިފާލުން ކަމަށެވެ.
މައުރޫފް ވިދާޅުވީ އެއީ ރައްޔިތުންނަށް ހަޖަމު ކުރެވޭނެ
ކަމެއް ނޫންކަމަށާއި ޕާޓީގެ ހަމަޔާ އިންސާފާއި އުސޫލެއް އޮންނަން ޖެހޭކަމަށެވެ. މި
ޕާޓީއަކީ ހިތަށް އަރާއިރަށް ރޫޅާލާފައި ރާވަން އޮންނަ ޕާޓީއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީ ރޫޅާލާފައި ދާ ބަޔަކަށް އަލުން އައުމުން ޕާޓީގެ އިސް މަޤާމުތައް ދެވޭކަށް ނެތް، އެހެން ހެދުމުން ވާ ގޮތަކީ މާދަމާވެސް އިންތިޚާބަކުން ބަލިވުމުން ޕާޓީ ރޫޅާލަން ހިފާލާނީ، އެއީ ރައްޔިތުންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫން، ޕާޓީގެ ހަމަޔާ އިންސާފާއި އުސޫލެއް އޮންނަން ޖެހޭ. މި ޕާޓީއަކީ ހިތަށް އަރާއިރަށް ރޫޅާލާފައި ރާވަން އޮންނަ ޕާޓީއެއް ނޫން.ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މެމްބަރު މައުރޫފް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން
އެމްޑީޕީއަށް ވެރިކަން ގެއްލޭގޮތް ވާން އެމްޑީޕީގެ މެމްބަރުން ނޭދޭކަމަށެވެ. އަދި މިހާރު
މި އޮތް ޒާތުގެ ވެރިކަމެއް ކުރަން ފުރުސަތު ދީގެން ތިބެން ޖެހުމަކީ ކުޅަދާނަ ކަމެއް
ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑުގެ އާލަމީ ވަބާގައިވެސް
ސަރުކާރުން ދިޔައީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުންކަމަށް
މައުރޫފް ވިދާޅުވިއެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން،
ރައްޔިތުންނާއި އާއިލާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީ، ވިޔަފާރިތަކަށް އެހީތެރިކަން
ފޯރުކޮށްދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އޭގެ ފަހުން އައި 2023 ވަނަ އަހަރުގެ
ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިޔައީ ކޮން ސަބަބަކާހުރެތޯ ވިސްނާލަން
ޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ. އޭރު އިންތިޚާބު ގެއްލިގެން ދިޔަ ސަބަބު މި އިންތިޚާބުގައި
ވޯޓުލާއިރު ވިސްނާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ އެމްޑީޕީގެ ތެރެއިން ބަޔަކު ވަކިވެ، ރިޔާސީ ޓިކެޓު
ނުލިބުމުން، އެކަމާ "ބޮޑާ ހާކައިގެން" ޕާޓީ ރޫޅާލަން ނުކުތުމުގެ ނަތީޖާކަމަށް
އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދެން އެ ފުރުސަތު އަލުން ދެވޭކަށް ނެތްކަމަށާއި
އަނެއްކާވެސް ޕާޓީ ރުޅާލަން ފުރުސަތު ދެވޭކަށް ނެތްކަމަށް މައުރޫފް ވިދާޅުވިއެވެ. މިހާތަނަށް
ޕާޓީގެ ޙަޔާތުގައި ދެވެން އޮތް ފުރުސަތުތައް މީކާއީލްއާ ވާދަކުރައްވާ ކުރީގެ ރައީސް
މުޙައްމަދު ނަޝީދަށް ވަނީ ދެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ޗެއަރޕަރސަންކަމަށް ފުރިހަމައަށް ތާއީދުކުރަނީ
މީކާއީލް އަހުމަދު ނަސީމަށް ކަމަށާއި، ސަބަބަކީ މީކާއީލްއަކީ އިތުބާރު ކުރެވޭ ކެނޑިޑޭޓަކަށް
ވާތީކަމަށް މައުރޫފް ވިދާޅުވިއެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމަށް
އިންތިޚާބުވީ ގޮތާއި، ޓިކެޓު ލިބުނު ގޮތާއި، ރައީސްކަމަށް ވަޑައިގެންނެވި ގޮތް ސިޔާސީ
މީހުންނަށް ސާފުކޮށް ފެންނަން އެބައޮތްކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އެހެންވީމާ
އެ ފުރުސަތު އަނެއްކާވެސް ދެވޭކަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރެފަރެންޑަމް ވޯޓު ނަގަން އުޅޭކަން ރައީސް މުއިއްޒު
އިއުލާނު ކުރެއްވި ހިސާބުން މީކާއީލްއާ ވާދަވެރި ކެންޑިޑޭޓު އެކަމަށް ތާއީދުކޮށް ވާހަކަ
ދައްކަވާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ދުވަހުވެސް އެކަމާ ދެކޮޅަށް ވާހަކަ
ދެއްކެވި އެއް ބޭފުޅަކީ މީކާއީލްކަމަށާއި އެހެންކަމުން މިއީ ވިސްނާލަން ޖެހޭ ކަންކަންކަމަށް
އޭނާ ވިދާޅުވިއެވެ.