ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ ކަމަށާއި، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒް ފައިދާ ނަގާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ ބޭއްވި ''އިތުބާރު ކެމްޕޭން'' ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ސައުދު ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހާލަތަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

ސައުދު ވިދާޅުވީ މިރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރަޓިކް ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީ އަކީ އެންމެ ވަރުގަދަ މުއައްސަސާ ކަމަށެވެ. ޕާޓީން އަބަދުވެސް ގައުމާއި ރައްޔިތުންގެ ހައްގުތައް އިސްކުރާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ އެމްޑީޕީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އޭގެ ނިކަމެތި އަސަރު ލިބިގެންދާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން ސައުދު ވިދާޅުވީ ވޯޓަކީ ރައްޔިތުންނަށް ލިބޭ ބާރެއް ކަމަށާއި، ވޯޓަށް ރައްޔިތުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި ޒިންމާދާރުނުވާނަމަ ވެރީން ނާޖާއިޒް ފައިދާ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން ޒިންމާދާރުނުވެއްޖެއްޔާ އެ ރައްޔިތުންގެ މައްޗަށް މި ޑިމޮކްރަސީގައި ވެރިން ނާޖާއިޒް ކަންތައްތަކެއް ހިންގާނޭ. ރައްޔިތުން އަޅުވެތި ކުރާނޭ. ރައްޔިތުން ޒިންމާދާރު ނުވެއްޖެއްޔާ އެ ރައްޔިތުންގެ ބޭނުން ހިފާފައި ރައްޔިތުން އަޅުވެތި ކުރުމުގެ ސިޔާސަތެއް މިފަހުގެ ޑިމޮކްރަސީތަކުން އަޅުގަނޑުމެންނަށް މިފެންނަނީ. އެހެންވީމަ ޑިމޮކްރަސީ ހިފަހައްޓަން ޑިމޮކްރަސީ އަށަގަންނަވަން ޑިމޮކްރަސީން ކުރިއެރުން ހޯދަން ބޭނުންވާނަމަ އެންމެ ފުރަތަމަ ރައްޔިތު މީހާ އެބަ ޖެހޭ ޒިންމާދާރުވާން. މިއަދު އެމްޑީޕީއަށް 20 އަހަރު ފުރުމުގެ ވާހަކަ މިދައްކަނީ އަޅުގަނޑު އަދި ވަރަށް ކުޑަ ދުވަސްކޮޅެއް އެމްޑީޕީގައި މިވީ. އަދިވެސް މިސިޔާސީ ހަޔާތުގައި ތަޖުރިބާ ވަކި ކުޑައެއް ނޫން.
 ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، މިހާލަތުގެ ގޮތުން ޕާޓީ އެތެރެ ތަރުތީބުވާން ޖެހޭ ކަމަށެވެ. ޑިމޮކްރަސީގައި އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބުނު ކަމަށާއި، އެއް ދައުރު ނުވަތަ 5 އަހަރު ކާމިޔާބު ކަމާއެކު ގައުމު ހިންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ދެ ވަނަ ދައުރު އެމްޑީޕީއަށް ގެއްލުނު ގޮތާއި މެދު ސުވާލު އުފައްދާނެ ރައްޔިތެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ވޯޓު ދޭއިރު ރައްޔިތުން ވިސްނުމަށް އޭނާ ގޮވާލެއްވި އެވެ.