ޏ.
ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު
މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދުގެ މައްޗަށް މަރަށް މަރު ހިފަން ބޭނުންވާކަމަށް
އޭނާގެ އާއިލާއިން ކޯޓުގައި ބުނެފިއެވެ.
ޝުހާދު
މަރުވެފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 21:30
އެހާކަށްހާއިރު ފުވައްމުލަކު ދޫޑިގަމު ބޮޑު ފަންނު މަގާއި، ބަހާރުމަގާ ގުޅޭ ހަތަރު
އަނގޮޅިއަށް ގޮސް، އެސަރަހައްދުގައި ހުންނަ ކެއުފިނިގެ ފާރުބުރި މަތީގައި އެހެން
ބަޔަކާއެކު އިންދައި ފަރީދުގެ އަތުގައި އޮތް ވަޅިއަކުން ދިން ހަމަލާއެއްގައެވެ. އެ
ހަމަލާއާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ޝުހާދު ވަނީ ޖެހިގެން އައި ދުވަހު
މަރުވެފައެވެ.
ފަރީދު
ޝުހާދަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުލަތުން ޝަފަހީ ހެކިންވެސް
ހުށަހެޅިއެވެ. ޝުހާދުގެ ބައްޕަ އާއި މަންމަ ވަނީ އެ މައްސަލާގައި ބޭނުންވަނީ
މަރަށް މަރު ހިފަން ކަމަށް ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފައެވެ.
ފަރީދު
މެރުމަށް ދަށުކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝުހާދަށް ފަރީދު ހަމަލާދިން
ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި ޝުހާދު މަރުވެފައި ވަނީ އޭނާގެ
އަރިކަށްޓަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން
އެނގޭ ކަމަށެވެ. އެހެންވެ ޝުހާދަށް ހަމަލާދީ އޭނާ މަރާލިކަން ފަރީދުގެ މައްޗަށް
ސާބިތުވާއިރު ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ވެސް
ބޭނުންވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ކަމަށް އެ ދެ މީހުން ބުނެފައި
ވާތީ ފަރީދު މެރުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި
ބުނެފައި ވެއެވެ.
ދަށު
ކޯޓުގެ އެ ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ. އެހެންވެ ފަރީދުގެ
ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ސުޕްރީމް
ކޯޓުގައި މި އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލާފައިވަނީ 2021 ވަނަ
އަހަރުއެވެ. އެހެންނަމަވެސް ޙުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވެގެން
ގޮސްފައިވާއިރު، އޭގެ ފަހުން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު
ބަދަލުވެ، މައްސަލަ އިތުރަށް ދިގުލައިގެންދިޔައީއެވެ. އަނެއްކާވެސް މިހާރު
މައްސަލައިގެ އަޑުއެހުންތައް ފަށައި، ބުރާސްފަތި ދުވަހު އޮތް އަޑުއެހުމުގައި ވަނީ
ޝުހާދުގެ ވާރިސުން ހާޒިރުކޮށް އެމީހުންގެ ބަސް ނަގާފައެވެ.
އޭގެ
ކުރިން ޝުހާދުގެ ވާރިސުންނާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ ހަސަން ފަރީދާ
އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެ މީހުންނާ ދައްކާނެ އެއްވެސް
ވާހަކައެއް ނެތް ކަމަށް ހަސަން ފަރީދު މި އަޑުއެހުމުގައި ވަނީ ބުނެފައެވެ.
ޝުހާދުގެ
ވާރިސުންގެ ގޮތުގައި ތިބި އޭނާގެ ޝުހާދުގެ ބައްޕަވެސް ވަނީ އެމީހުން ބޭނުންވަނީ
މަރަށް މަރު ހިފަންކަމަށް ކޯޓުގައި ބުނެފައެވެ.
މި
އަޑުއެހުމުގައި ޙަސަން ފަރީދު ވަނީ އޭނާއަށް ތަހުގީގުގައި ލިބެންޖެހޭ ބައެއް
ޙައްޤުތައް ލިބިފައިނުވާކަމަށް ބުނެ އެކަމުގެ ޝަކުވާކޮށްފައެވެ. އަދި އޭނާ
ފާހަގަކުރި ކަންކަމާ ގުޅިގެން އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ސާފު
ކުރައްވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
އެއަށްފަހު
ދެން އޮންނާނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ޙުކުމް ކުރެއްވުމެވެ.