ށ. މިލަންދޫގައި ރޯޑް ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އާރްޑީސީ)ގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން އެހެން ރަށްރަށަށް ބަދަލު ކުރަން ޓިޗު ފޮނުވައިފި އެވެ.
ރާއްޖެއެމްވީއަށް މިލަންދޫ ކައުންސިލްގެ ކުރީގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އާރްޑީސީގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުންނަށް ބުދަ ދުވަހުން ފެށިގެން ޗިޓްތައް ފޮނުވަމުންދާ ކަމަށާއި، ޗިޓް ފޮނުވަމުން ދަނީ އެމްޑީޕީ އަށް ނިސްބަތްވާ ނުވަތަ އެ ޕާޓީއަށް ސަޕޯޓު ކުރާ މުވައްޒަފުންނަށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މީގެ ތެރޭގައި އެހެން ރަށަކަށް ބަދަލުނުވެވޭ ހާލަތުގައި ތިބި މުވައްޒަފުން ވެދް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރަށް ގޮތް ހުސްވެ، މުވައްޒަފުން މަދު ކުރުމަށް މަޖުބާރު ވެފައިވާ ކަަމަށެވެ. އަދި މުވައްޒަފުން ކަނޑާނުލައި، މުވައްޒަފުން މަސައްކަތް ކުރާ ސައިޓް ކުއްލި އަކަށް ބަދަލުކޮށް، އަމިއްލައަށް ކެނޑުމަށް މަޖުބޫރު ކުރުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއެމްވީ އަށް ވަނީ ބައެއް ޓިޗްތައް ލިބިފަ އެވެ. އެ ޗިޓްތަކުގައި ބުނެފައިވަނީ މިމަހުގެ 14 އިން ފެށިގެން ބައެއް މުވައްޒަފުން މަސައްކަތް ކުރާ ސައިޓް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ގދ. ގައްދޫ، ގއ. ގެމަނަފުށި އަދި ގއ. ވިލިނގިލީގެ އާރްޑީސީ ސައިޓަށް ވަނީ ބަދަލުކޮށްފަ އެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް މިލަންދޫގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަ އެވެ. އަދި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ވެސް ގިނަ ބަޔަކަށް ވަޒީފާ ދީފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އާރްޑީސީގައި އެކަނި ވެސް 70 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތެއް ނެތި ނަގާފައިވެ އެވެ.