ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ބޭނުން ކޮށްގެން ދަނޑުވެރކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ. 

ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް އަނެއްކާ ވެސް އާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައިވާ ގޯތިތަކާއި ދަނޑުތަކުގައި ކެމިކަލް ބޭސް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. 

ކައުންސިލުން ބުނީ، ކެމިކަލް ބޭސް ބޭނުންކުރުމުގެ އާއްމު މިންގަނޑުތަކާއި ހިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާ ނަމަ އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން ނަގަން ޖެހޭ ކަމަށެވެ. 

ކައުންސިލުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގޯތިތަކާއި އަވަށާއި ކައިރީގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ބަލައި، މޮނިޓަރކުރާނެ ކަމަށެވެ. އަދި ކެމިކަލް ބޭސް ބޭނުންކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ކައުންސިލުން ވަނީ މިފަދަ އަމަލުތަކަކީ ބަލި މީހުންނާއި ކުޑަ ކުދިން، ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އަމަލުތަކަކަށްވާތީ މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފަ އެވެ.