އަލުން އަނބުރާ އެމްޑީޕީގެ ރީނދޫ ލަޝްކަރު ރުކުރުވާލެވިއްޖެ ކަމަށާއި ހުކުރުދުވަހުގެ އިންތިޚާބު ކާމިޔާބުކުރައްވައި، މި ސަރުކާރު އެމްޑީޕީން ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ނިންމާލެއްވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހިނގާލުން ނިންމާލުމަށް ފަހު ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހިތްވަރު ބައްޔެއް ނުވާނެ ކަމަށާއި، ރައީސް މުއިއްޒުގެ މި ސަރުކާރު އެމްޑީޕީން ބަލިކޮށް ވައްޓައިލާނެ ކަމަށެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ބޮޑޫ ބަދަލު ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގެ ތެރެއިން.
ކެމްޕެއިން ހަރަކާތްތަކުގައި ރަށްރަށުގެ މަގުތައް ފުރިގެން ދިޔަ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ކެމްޕެއިން ނިންމާލެވެނީ ވެސް މަގު ފުރާލައިގެން ބޭއްވޭ ހަރަކާތަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރަށްރަށުންނާއި މާލޭން ޖޯޝާއި ފޯރި ގެނެވުނީ ރައީސް ނަޝީދުގެ ކެމްޕެއިނާ އެކީގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ދިމާއަށް ހުރިހާ މެންބަރުންގެ ވޯޓުތައް ވެސް ދިއުމުން ޕާޓީގެ ކުރިމަގު ރަނގަޅުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ލިބުނު ތާއީދަށް އިޝާރާތް ކުރައްވައި، އެމްޑީޕީގެ ބާރުވެރިކަން އަލުން ފެނިގެން ދިޔަ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ބޮޑޫ ބަދަލު ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގެ ތެރެއިން.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ހޮވާ އިންތިޚާބު އޮންނާނީ ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށެވެ.