ކުޅުދުއްފުށީ ސިޓީގައި ފަށާފައިވާ ޓެކްނިކަލް އެންޑް
ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ ސިޓީގެ ރައްޔިތުންގެ
ބޮޑެތި ޝަކުވާތަކެއް ލިބެމުންދާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު
މުއިއްޒުގެ ސަރުކާރުން މުޅިން އަލަށް ފެށި މަޝްރޫއެއް ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން
ރާއްޖެޓީވީއަށް މައުލޫމާތު ދީފައިވެއެވެ.
ކުޅުދުއްފުށީ ޒުވާނުންނަކީ ހުނަރުވެރި އަދި މަސައްކަތްތެރި
ބަޔަކަށްވާއިރު، މި ޓިވެޓު ސެންޓަރަކީ އެ ސިޓީގެ ޒުވާނުންގެ އުއްމީދުތައް އެންމެ ބޮޑަށް
ގުޅިފައި އޮތް މަޝްރޫއެކެވެ.
މި މަސައްކަތް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި
އިފްތިތާހުކޮށް، ރަށުގައި އެކަމަށް ބޮޑު ރަސްމިއްޔާތެއް ވެސް ބާއްވާފައިވެއެވެ. އެ ދުވަހު
މި މަޝްރޫއުގެ ބިންގާ ވެސް ވަނީ އަޅާފައެވެ.
މަސައްކަތް ފެށުނު އިރު، 540 ދުވަސްތެރޭގައި މި
މަޝްރޫއު ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މިހާތަނަށް ކުރި ހަމައެކަނި
މަސައްކަތަކީ އެތަނުގައި ވަޅުގަނޑެއް ކޮނެލުން ކަމަށް ކައުންސިލުން ބުނެ އެވެ. އެ ވަޅުގަނޑުގައި
މިހާރު ވަނީ މަދިރިފަނި އާލާވެފައެވެ.
މިހާތަނަށް ކުރި ހަމައެކަނި މަސައްކަތަކީ އެތަނުގައި ވަޅުގަނޑެއް ކޮނެލުން ކަމަށް ކައުންސިލުން ބުނޭ
މި މަޝްރޫއު ހުއްޓިފައި ހުރުމުން ކުޅުދުއްފުށީ
ރައްޔިތުންގެ ބޮޑެތި ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. ޒުވާނުންނަށް ތަމްރީނު ދިނުމަށާއި،
އެކި ދާއިރާތަކުން ހުނަރުވެރިކުރުމަށް ރާވާފައިވާ މި މަޝްރޫއު ހުއްޓިފައި އޮތުމަކީ
އެ ސިޓީގެ ތަރައްގީއަށް ބޮޑު ހުރަހެއް ކަމަށް ރައްޔިތުން ދެކެއެވެ.
ކުޅުދުއްފުށީ ސިޓީއަކީ ރާއްޖޭގެ އުތުރުގެ އެންމެ
ބޮޑު އާބާދީއެއް އޮންނަ ސިޓީއެކެވެ. އެހެންކަމުން އެ ސިޓީގައި ޓިވެޓު ސެންޓަރެއް ގާއިމުކުރުމަކީ
ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުން ދެކެއެވެ.