ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރީއާ ގުޅޭގޮތުން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީ ހިންގާކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޚިދުމަތުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

ފަހަކަށް މާރާމާރީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައި ވެސް މާރާމާރީ ހިންގާއިރު، މިމަހުގެ 10 ވަނަ ދުވަހުގެ ވެސް ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދުމުގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.