2024 ވަނަ އަހަރު ރާއްޖެއަށް ތަޖުރިބާ ހޯދަން ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އަންހެން ކުއްޖެއްގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަރނޭޝަނަލް (އެސް.ޖޭ.އައި.އައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އެ ގައުމުގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އާއިލާގެ ވަކީލުން ޖުލައި 20 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ޖެނާ ޗަން ނަގާފައިވާ ފެހުރިއްސެއްގެ ފޮޓޯ އެއް
ޖެނާ ޗަން ނަގާފައިވާ ފެހުރިއްސެއްގެ ފޮޓޯ އެއް

އުމުރުން 15 އަހަރުގެ ގްރޭޑް 9 އެއްގައި ކިޔަވަމުންދިޔަ ޖެނާ ޗަން މަރުވީ، ނޭޝަނަލް ޔޫތު އެޗީވްމަންޓް އެވޯޑްގެ ދަށުން ރާއްޖެ އަށް ކުރި ދަތުރެއްގެ ތެރޭގައި 2024 ނޮވެމްބަރު 8 ވަނަ ދުވަހު އެވެ.

ސިންގަޕޫރުގެ ނޫހެއް ކަމަށްވާ ދަ ސްޓްރެއިޓް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި ޖެނާ މަރުވީ މޫދަށް އެރި ސްނޯކްލިންގް އަށް ގޮސް އުޅުމުގެ ތެރޭގައި، ދުއްވާފައި ދިޔަ ލޯންޗެއްގެ ބުރަފަތީގައި ޖެހިގެންނެވެ. މި ދަތުރުގެ ސްނޯކްލިންގް ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމް.ޑަބްލިއު.އެސް.އާރް.ޕީ) އިންނެވެ.

ޖެނާ ޗަން ނަގާފައިވާ ފެހުރިއްސެއްގެ ފޮޓޯ އެއް

ޖެނާ ޗަން ނަގާފައިވާ ފެހުރިއްސެއްގެ ފޮޓޯ އެއް|ޖެނާ ޗަން

ޖެނާގެ މައިންބަފައިން ކަމަށްވާ ޖެނިފާ ލިއާއު އަދި އެލަން ޗަން މި ދައުވާ ސްކޫލާ ދެކޮޅަށް ހުށަހެޅި ދައުވާގައި އާއިލާގެ ފަރާތުން ވަކާލާތު ކުރަނީ ޑަކްސްޓަން ހިލް ޗެމްބާސްގެ ޖެނިފާ ލިމް އާއި، ނޫސާ ޗެމްބާސްގެ ޖޮނަތަން މުކް އަދި ޕްރޮވިޑެންސް ލޯ އޭޝިއާ އެލް.އެލް.ސީ އިންނެވެ.

އާއިލާގެ ބަޔާނުގައި ބަދަލުގެ ގޮތުގައި ހޯދަން އެދޭ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް، އާންމުގޮތެއްގައި ހައިކޯޓުގައި މަދަނީ މައްސަލަތައް ބަލަނީ ބަދަލުގެ އަދަދު 250,000 ޑޮލަރަށް ވުރެ އިތުރުވާ ނަމައެވެ.

ޖެނާގެ މައިންބަފައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ދައުވާ ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ އެމީހުން ތަހައްމަލު ކުރަންޖެހުނު ހިތްދަތި ތަޖުރިބާ އެހެން އެއްވެސް އާއިލާއަކަށް ކުރަން ނުޖެހޭނެކަމުގެ ޔަގީންކަން ހޯދުން ކަމަށެވެ. ދައުވާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖެނާއަކީ ސްކޫލުން މަޖުބޫރުކޮށްގެން ކުރި ދަތުރެއްގައި ސްކޫލުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ވާތީ، އޭނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެހެން ފަރާތަކާ ހަވާލުނުކުރެވޭނެ ފަދަ ސްކޫލުގެ ޒިންމާއެކެވެ.

މައިންބަފައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގާނޫނީ ފިޔަވަޅު އެޅުމަކީ ޒިންމާދާރުކުރުވުމަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން އެންމެ ފަހު ވަސީލަތެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ދައުވާ ހުށަހެޅީ އެކި ގޮތްގޮތުން ޒިންމާދާރުކުރުވުމަށް 20 މަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ޖެނާ މަރުވީ އދ. ދިގުރަށް ކައިރީގައި ފެހުރިހި ބަލަން މޫދަށް އެރި އުޅުމުގެ ތެރޭގައި، ފަހަތަށް ދުއްވި ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދަތުރަކީ އެސް.ޖޭ.އައި.އައި ގެ އައުޓްޑޯ އެޑިއުކޭޝަން ޕްރޮގްރާމްގެ ބައެކެވެ. މިއީ ގްރޭޑް 9 ގެ ދަރިވަރުންނަށް މަޖުބޫރު، އަދި ޖެހިގެން އަންނަ އަހަރަށް ޕްރޮމޯޓްވުމަށް ފުރިހަމަކުރަންޖެހޭ ޝަރުތެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.